ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު: ޔާމީންގެ ސިޔާސަތުތަކަށް އަޒާންގެ ވަރުގަދަ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނުގެ ވެރިކަމުގައި އަމަލުކުރެއްވި ގޮތް ހަނދުމަފުޅުކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަށް އިޝާރާތްކުރައްވައި އަޒާން ވިދާޅުވީ، އޭރު ފ. އަތޮޅުން ބައެއް ބޭރުގެ ފަރާތްތަކަށް ’ފްރީހޯލްޑް‘ އުސޫލުން ބިން މިލްކުވާ ގޮތަށް ވިއްކަވައިލެއްވުމަށް ގާނޫނުއަސާސީ ބަދަލުކުރެއްވި ކަމަށެވެ. އަދި ވަކި އަދަދަކަށް ފައިސާ އިންވެސްޓްކޮށް، ފަޅެއްގެ 70 އިންސައްތަ ހިއްކުމުން އެތަނެއްގެ ދާއިމީ މިލްކުވެރިކަން ބޭރު މީހުންނަށް ލިބޭ ގޮތަށް އޭރު ކަނޑައެޅުއްވިކަން އަޒާންގެ މީސްމީޑިއާ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި އެ އިސްލާހުގެ ދަށުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ ފަރާތްތަކަށްވެސް ރާއްޖެއިން ބިން ގަނެވިދާނެ މަގު އޮތީ ފަހިވެފައެވެ. އަދި ބޮޑު އިންވެސްޓްމަންޓެއް ނަމަ، އޭރު އެގޮތް ރައީސް ޔާމީނަށް އެއްވެސް މައްސަލައަކަށް ނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިހާރު ކުރިއަށްދާ ރަސްމާލެ މަޝްރޫއާ ރައީސް ޔާމީން ދެކޮޅުހައްދަވާއިރު، އެ މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ ފްރީހޯލްޑް އުސޫލުން މިލްކުވެރިކަން އެއްކޮށް ބަދަލުވާ ގޮތަށް ނޫންކަން މެންބަރު އަޒާން ހަނދުމަފުޅުކޮށްދެއްވިއެވެ.

މީގެއިތުރުން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ ތެރެއިން، މިފަދަ ޕްރޮޕަޓީތައް އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ނުގަނެވޭނެކަން ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އަލަށް ހުށަހެޅޭ ގާނޫނުތަކުގެ ސަބަބުން މިފަދަ މަޝްރޫއުތައް ހިންގާ ސަރަހައްދުތަކުގެ މައްޗަށް ދައުލަތުގެ ސިޔާދަތާއި ބާރުވެރިކަން ދާއިމަށް ދެމިއޮންނާނެކަން ކަށަވަރުކުރެވިގެންދާނެ ކަމަށެވެ. އެހެންކަމުން، މިއަދުގެ ސަރުކާރުން ރާއްޖޭގެ ބިމުގެ ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން އިންތިޒާމުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު އިންވެސްޓަރުންނަށް ދިވެހި ބިމުގެ މިލްކުވެރިކަން އެކީ ދޫކޮށްލުމަކީ ’ވިޝަނަރީ‘ ކަމެއް. އެކަމަކު މިހާރު އެގޮތަށް ބިން ދޫނުކޮށްވެސް އިންވެސްޓްމަންޓް ގެނައުމަކީ އެމަނިކުފާނަށް މައްސަލައަކަށް ވެއްޖެ،“ އަޒާން ވިދާޅުވިއެވެ.

އަޒާން ވަނީ ރައީސް ޔާމީން ގަބޫލުކުރައްވާ އުސޫލުތަކަކީ ނުވަތަ ޕްރިންސިޕަލްތަކަކީ ސިޔާސީ ހާލަތު ބަދަލުވާ ގޮތުން، އެމަނިކުފާނަށް ފަހިވާ ގޮތަށް ބަދަލުވަމުންދާ އެއްޗެއްގެ ގޮތުގައި ސިފަކުރައްވައި ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: