އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ މަކަރުވެރި އޭޖެންޓުންނަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އެއްވެސް ސަރަހައްދަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ މެންބަރު ހުސައިން ޝަރީފް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓް އޭނާ ކުރައްވާފައި މިވަނީ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ދިނުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ހުސައިން ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ސީދާ އިބާރާތުން ފާހަގަކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅިފައިވާ އެއްވެސް ބަޔަކަށް ރާއްޖެއިން އެއްވެސް މަންފާއެއް ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާކަން އެ މެސެޖުން ވަނީ ހާމަކުރައްވާފައެވެ.
”އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ މަކަރުވެރި އޭޖެންޓުންނަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ވެލިފުކެއްގަ ވެސް އަތްލުމުގެ ފުރުސަތު ދީގެން ނުވާނެ!“ ހުސައިން ޝަރީފް ވިދާޅުވި އެވެ.
މިއީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ހުސައިން ޝަރީފް މިފަދަ ހަރުކަށި އިބާރާތުން ސަރުކާރުގެ ބައެއް ނިންމުންތަކާއި ވިސްނުންތަކާ ދެކޮޅަށް ޝުއޫރު ފާޅުކުރެއްވި ދެވަނަ ފަހަރެވެ.
މީގެ ކުރިން މިދިޔަ ހޯމަ ދުވަހު ވެސް އޭނާ ވަނީ މިފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވާފަ އެވެ. އެގޮތުން، ދީނާއި ގައުމިއްޔަތަށް ނިކަމެތިކަމެއް ނުވަތަ އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ދުވަހަކު ވެސް ތާއީދު ނުކުރައްވާނެ ކަމަށާއި، އަދި އެފަދަ އަމަލެއް ހިންގާ ބަޔަކާ އެކު ދެމިނުހުންނަވާނެ ކަމުގެ ސާފު އިންޒާރެއް އޭނާ ވަނީ ދެއްވާފަ އެވެ.
ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވާއިރު، އެ މަޝްރޫއުގެ ތެރެއިން ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދޭން އުޅޭ މައްސަލައިގައި އާންމުންނާއި ސިޔާސީ އެކި ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް އެ ކުންފުންޏަކީ އިސްރާއީލާ އެކު ވިޔަފާރީގެ ގުޅުންތައް ބާއްވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް ކުންފުންޏެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

