ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ޖުމްލަކޮށް ލިބޭ އާމްދަނީގެ 40 އިންސައްތަ ހަމައެކަނި ރަސްމާލެ މަޝްރޫއުން ދައުލަތަށް ހޯދޭނެ ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ”އަހާ“ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދީ މުސްތަގުބަލު ބަދަލުކޮށްލާނެ މަޝްރޫއެއްކަން ތަފާސްހިސާބުތަކާއެކު ހާމަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ޓޫރިޒަމަށް ދޫކުރުމުގައި ގެންގުޅުނު ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ވެރިކަމުގައި ރަށްތަކާއި ފަޅުތައް ދޫކުރަމުން ދިޔައީ ވަކި މިންވަރަކަށް އެނދު ގާއިމުކުރަން ލާޒިމުވާ އުސޫލަކުން ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، ފަހުން އައި ސަރުކާރުތަކުގައި އެ އުސޫލުތައް ބަދަލުވެ، އިންވެސްޓަރުން ބޭނުންވާ މިންވަރަކަށް އެނދު ތަރައްގީކުރުމުގެ ފުރުސަތު ދެވިގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މިސާލު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ މާލެ ސަރަހައްދުގައި އޮތް އަގުހުރި ރައުސުލްމާލެއް ކަމަށްވާ އެނބޫދޫ ފަޅުގެ މައްސަލައެވެ. އެ ފަޅުން 700 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކުރީގެ ސަރުކާރަކުން 40 މިލިއަން ޑޮލަރަށް ދޫކޮށްލާފައިވާއިރު، އެފަދަ އަގުހުރި ސަރަހައްދަކުން ދައުލަތަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މާލެ ސަރަހައްދުގެ ފަޅުތަކާއި ރަށްތައް ތަރައްގީކުރާއިރު އެއްފަހަރާ ލިބޭ ކުޑަ ފައިސާކޮޅަކަށް ވިސްނުމުގެ ބަދަލުގައި، ދުރު މުސްތަގުބަލުގައި ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތްތަކަށް ސިޔާސަތު ބައްޓަންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ދޫކުރާ ސަރަހައްދުގައި 8،800 ޕްރޮޕަޓީއާއެކު ގާތްގަނޑަކަށް 30،000 އެނދު ގާއިމުކުރެވިގެންދާނެ ކަމަށް މުއްތަލިބު ހާމަކުރެއްވިއެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މިހާރަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެކަން ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.
މިހާރުގެ ހާލަތާއި އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ދޫކޮށްފައިވާ ގާތްގަނޑަކަށް 20،000 ހެކްޓަރުގެ ފަޅާއި ރަށްތަކުން ޖުމްލަ ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް 5.4 ބިލިއަން ޑޮލަރު ކަމަށެވެ. މީގެ ތެރެއިން ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ލިބޭއިރު، ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެނީ 130 މިލިއަން ޑޮލަރެވެ.
ނަމަވެސް އެ މުޅި ސަރަހައްދާ އަޅާބަލާއިރު، އެންމެ ރަސްމާލެއިން އެކަނިވެސް 2 ބިލިއަން ޑޮލަރު ހަމައެކަނި ޓޫރިޒަމް ރެވެނިއުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމައެކަނި ޓީޖީއެސްޓީގެ ގޮތުގައިވެސް 340 މިލިއަން ޑޮލަރު ރަސްމާލެއިން ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 40 އިންސައްތައެވެ.
ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގައި ބޭރު ގައުމުތަކުގެ މީހުން ވަޒަންވެރިވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ވަޒީރު ވަނީ ސާފު ރައްދެއް ދެއްވާފައެވެ. އެގޮތުން އެ ސަރަހައްދުގައި ގާއިމުކުރެވޭ ޕްރޮޕަޓީތަކަކީ ”ހޮލިޑޭ ހޯމް“ ނުވަތަ ޗުއްޓީ ހޭދަކުރާ ތަންތަނުގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ކަމަށާއި، އެއްވެސް ބޭރު މީހަކަށް އެތަނުން ރަށްވެހިކަން ނުލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މުއްތަލިބު ވިދާޅުވީ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވަސީލަތްތަކުގެ އެންމެ މަތީ މަންފާ ލިބޭނޭހެން، ދުރު މުސްތަގުބަލުގައި ޒަމާންތަކަކަށް ދައުލަތުގެ އިގްތިސާދަށް ބޮޑު މަންފާއެއް ކަށަވަރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ.

