ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މަޝްރޫއުތަކުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމަށާއި، ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން އެއްވެސް ރެފަރެންޑަމެއް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ ބަހެއް ނެތި އެފަދަ ކަމެއް ސިއްރުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެއްވެސް މަޝްރޫއެއް ހިންގުމުގައި ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ނުވަތަ ނާޖާއިޒު އެއްވެސް ފައިދާއެއް އެމަނިކުފާނު ވެސް އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ވެސް ނުހޯދާނެ ކަމަށާއި، މިހާތަނަށް ވެސް އެފަދަ ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، އެ މައްސަލައިގައި ރެފަރެންޑަމެއް ނަގަން އިދިކޮޅުން ގޮވާލަމުންދާ ގޮވާލުމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ރެފަރެންޑަމެއް ހިންގަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ބިލު އެކުލަވާލާފައިވަނީ ދިވެހި ރައްޔިތުންގެ ހައްގުތަކާއި، ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު އަދި ސިޔާދަތީ ބާރު ފުރިހަމައަށް ހިމާޔަތްކުރެވި، ރާއްޖޭގެ ގާނޫނުތަކާއި ހަމަތަކަށް ރިއާޔަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވާހަކަފުޅުތަކާ ގުޅިގެން ’ސަންގު‘ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، މިކަމުން ފެނިގެން މިދަނީ ރައީސް މުއިއްޒުގެ އަސްލު ސިފަ ކަމަށެވެ. އަދި ރެފަރެންޑަމަކަށް ދާން ސަރުކާރުން ފަސްޖެހެނީ، މިފަދަ ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ ރައްޔިތުންގެ 99 އިންސައްތަ މީހުން މިކަމާ ދެކޮޅަށް ”ނޫނެކޭ“ ބުނާނެކަން ރައީސަށް ސާފުކޮށް އެނގިވަޑައިގަންނަވާތީ ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.
ފައްޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ރާއްޖޭގެ ބިމަކަށް ބޭރުގެ އިންވެސްޓްމަންޓެއް ގެނައުން ފަދަ އާދައިގެ ކަމެއް ނޫނެވެ. މީގެ ތެރޭގައި ރާއްޖޭގެ މުސްތަގުބަލާއި ދިވެހީންގެ ރައްޔިތުކަމާ ގުޅުންހުރި ވަރަށް ނާޒުކު އަދި މުހިންމު ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން ކުރަން އުޅޭ ކަމަކާއި އެއްބަސްވުންތަކުގައި ހުރި ތަފުސީލުތައް ރައްޔިތުންނަށް ސާފުކޮށް ކިޔައިދީ، އޭގައި ހުރި ކަންބޮޑުވުންތައް އިސްލާހުކުރަންޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ބަހެއް ނެތި މިހާރު އޮތް ގޮތަށް ސިއްރުވެރިކަމާއެކު އެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، ދެން އަންނަ ސަރުކާރަކުން އެ މުޅި މަޝްރޫއަށް ބަދަލުތައް ގެންނަން މަޖުބޫރުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، މުޅި ގައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މިއީ ރާއްޖެއަށް އެތައް ގަރުނަކަށް ދެވޭނެ ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ތާރީހުގައި ވެސް ދިވެހީން މިފަދަ ކަންކަން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ރައްޔިތުން އަޑުއުފުލަން ޖެހޭ ކަމަށާއި، މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްޔިތުން އިސްވެ މަގުމައްޗަށް ނުކުމެގެން ވެސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

