ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމުން، ދެން ފެންނާނީ އެ މީހުންނަށް ލިބެންޖެހޭ އެތައް ހައްގުތައް: އަލީ ހުސެއިން

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެެހެން ދީންތަކުގެ މީހުން ވަޒަންވެރިވާން ފެށުމުން ދުވަސްކޮޅެއް ފަހުން އެ މީހުންނަށް ލިބެންޖެހޭ އެތައް ހައްގުތަކެއް ފެންނަން ފަށާނެ ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ހިންގާ ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރަސްމާލެ ބޭރުގެ ފަރާތްތަކަށް ދޫކޮށްލައިފިނަމަ ދިވެހިރާއްޖެއަށް ދިވެހިރާއްޖެ ކިޔުން ހުއްޓާލަންޖެހޭ ހިސާބަށް ކަންތައްތައް ދާނެ ކަމަށެވެ. އަދި މި ގައުމު ދިވެހިރާއްޖޭގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް އުނިކަމެއް އަންނަނަމަ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އަންނަން އުޅޭ ބޮޑު އުނިކަމަކީ ދިވެހި ފަސްގަނޑުގައި ބޭރު ދީންތަކުގެ މީހުންނަށް ރާއްޖޭގެ ވަޒަންވެރިކަން ދިނުން ކަމަށް ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ، އެ މީހުން ވަޒަންވެރިވެ ނިމުމުން ދެން ފެންނަން ފަށާނީ އެއާ ގުޅިގެން އެ މީހުންނަށް ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ކަމަށެވެ. އެގޮތުން އެ މީހުން މަރުވުމުން ވަޅުލާނެ ގޮތާއި، ކައިވެނިކުރާނެ ގޮތާއި މިފަދަ ކަންކަމަކީ ވެސް މުސްތަގުބަލުގައި އުފެދޭނެ ސުވާލުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިހަކަށް ދުވަހު ވެސް ރާއްޖޭގެ ރިސޯޓަކުން ވެސް އެފަދަ ކަމެއްގެ މިސާލެއް ފެނިފައިވާ ކަމަށާއި އެއީ އަދި އިތުރަށް އަންނާން އޮތް ކަންކަން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އޭގެ އިތުރުން، ރަސްމާލެ މަޝްރޫއު ހަވާލުކުރަން އުޅޭ އީގަލް ހިލްސް ކުންފުނީގެ ވެރިފަރާތަކީ ޒަޔަނިސްޓުންނަށް ވާގިވެރިވާ އެޖެންޓެއް ކަމަށާއި، އެ ކުންފުންޏަށް ދޭ ބިމުގެ ހިއްސާ ކޮންމެ ބަޔަކަށް ވެސް ބަދަލުކުރެވިދާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި އެތަނުން ކޮންމެ މީހަކަށް ވެސް ބިން އަދި ގެދޮރު ގަނެގެން ވަޒަންވެރިވެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ ދަށުން ކުންފުނިތަކާއި ވިޔަފާރިތައް އަދި އެކިއެކި ޕްރޮޖެކްޓުތަކަށް ކުރިމަތިލާ ފަރާތްތައް ހިމެނޭހެން އެންމެނަކީ ވެސް ހަމަހަމަކޮށް ދައުލަތުން ކަންކަން ކުރަންޖެހޭ ބަޔަކަށް ވާއިރު، އެ މަޝްރޫއު ހަވާލުކުރިއިރު ވަކި ހާއްސަ ގޮތަކަށް ވަކި މީހަކާ ދޭތެރޭގައި މުއާމަލާތް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، މި ވީހާތަނަށް ރާއްޖޭގައި އެ ބާވަތުގެ އެހެން މަސައްކަތް ކޮށްފައި ހުރީ އޯޕަން ބިޑަކަށް ގޮސްގެން އަދި ބިންތަކަށް ދައްކަންޖެހޭ އަގުތައް ދައްކައިގެން ކަމަށް ވާއިރު ރަސްމާލެ މަޝްރޫއުގައި އަމަލުކުރީ އެހެން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ހުސެއިން ސުވާލު އުފެއްދެވީ، ރަސްމާލެ މަޝްރޫއުގައި އީގަލް ހިލްސްއަށް 500 ހެކްޓަރުގެ ބިން ދިން އިރުގައި ބިމުގެ އަގުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބޭގޮތަށް އެކަން ކުރަން ޖެހުނު ސަބަބަކީ ކޮބާތޯއެވެ. އަދިި ގާނޫނުއަސާސީ މިހާރު އޮތް ގޮތަށް އޮތްހާ ހިނދަކު އެގޮތަށް އެކަން ކުރެވިގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ، މިއަދު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހާއި ވަޒީރުން ވެސް ތިބީ އީގަލްސް ހިލްސްގެ ދަށުގައި ކަމަށެވެ. އަދި ދިވެހީންގެ ބިމުން ބައެއް އެހެން ދީންތަކުގެ މީހުން ވަޒަންވެރިވުމަށް ދޫކޮށްލާއިރު، އެކަމުގައި ދިވެހީންގެ ބަހެއް ހޯދަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: