ދިވެހި ބިމުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުމަށް އަދި ދިވެހި ބިން ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދޫކުރުމާ ދިވެހި ރައްޔިތުން ދެކޮޅުކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްކެވުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެދިވަޑައިގެންފިއެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ހިންގާ ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަ ދައްކަވަމުން މައުރޫފް ވަނީ އެ ހަރަކާތުގެ ލޯގޯ ދައްކާލާފައެވެ. އަދި 13 ނޮވެމްބަރު ވާ ހުކުރު ދުވަހު އެ ހަރަކާތުން މާލޭގައި ރަސްމާލޭގެ މަޝްރޫއުއާ ދެކޮޅަށް ހިންގާ ހަރަކާތުގައި ބައިވެރުވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
ރޭގެ ހަރަކާތުގައި، މައުރޫފް ވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރަކު އޭނާ ގާތުގައި ދެއްކެވި ކަމަށް ބުނާ ވާހަކައެއް ހިއްސާކުރައްވައިފައެވެ. އެގޮތުން، އެ މަޝްރޫއުއާ ދެކޮޅު ހަދަނީ ކިހާ އަދަދެއްގެ ރައްޔިތުންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައްލަވާލަން ބޭނުންފުޅުވާ ކަމަށާއި އެ ހަރަކާތުގައި ދިވެހި ރައްޔިތުން ބައިވެރިނުވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށް، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ”ވަރުގަދަ ޑޮލަރު ލީޑަކު“ ވިދާޅުވި ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެހެންކަމުން، އޭނާ އެދިވަޑައިގަތީ، ދިވެހި ބިމުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވުމާއި އަދި ދިވެހި ބިން ބޭރުގެ ފަރާތްތަކަށް ހިލޭ ހުސްނުވާ 99 އަހަރަށް ނުވަތަ އުމުރަށް ދިނުމާ ދެކޮޅުކަން އަދި ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލަން ބޭނުންވާކަން ރައީސް މުއިއްޒަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެ ރޭގެ އެއްވުމުގައި ބައިވެރިވުމަށެވެ.
”އަޅުގަނޑު ބޭނުންވޭ ދިވެހި ރައްޔިތުންގެ އަރިހުން އެދެން، މި ބިމުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވުމާއި އަދި ދިވެހި ބިން ބޭރުގެ ފަރާތްތަކަށް ހިލޭ ހުސްނުވާ 99 އަހަރަށް ނުވަތަ އުމުރަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ރައީސް މުއިއްޒު އެ ވިދާޅުވި ވިދާޅުވުމަށް ގޮންޖައްސަވާފައި ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް ތިއްބެވިކަން ދެއްކުމަށް ޓަކައި ވެސް 13 ނޮވެމްބަރުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވަން،“ މައުރޫފް
އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި، އާންމު ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި ޑޮލަރު ނުލިބޭ ކަމަށާއި ޑޮލަރުގެ އަގު ހުރީ 25 ރުފިޔާއިން މަތީގައި ކަމަށެވެ. ތިން އަހަރު ތެރޭ 150 ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވާއިރު، ރަށްރަގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެންމެ އަސާސީ ތަކެތި ވެސް ސަރުކާރުން ފޯރުކޮށްނުދޭތީ މުވައްޒަފުން އަމިއްލައަށް ގަންނަ ވާހަކަ އެ މުވައްޒަފުން ދައްކާކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުން އާންމުކޮށް ބޭނުންކުރާ ބޭސްތައް ނުލިބޭތީ އަދި ވެމްކޯގެ މުވައްޒަފުންގެ މުސާރަ ނުލިބި ލަސްވާތީ އެކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ދައުލަތުގެ މާލިއްޔަތު ލޫޓުވާފައިވާ ކަމަށާއި ސަރުކާރަށް އިތުބާރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޕީއެންއެފް އަދި އެމްޑީޕީގެ ބައެއް މެމްބަރުން ގުޅިގެން ”ދިވެހީންގެ ބިން ދިވެހީންނަށް“ ގެ ނަމުގައި ހިންގާ ހަރަކާތުން އެންމެ ފުރަތަމަ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން މަސައްކަތްކުރީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މިހާރު އެ އެއްވުން ފަސްކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެއަށެވެ.

