މީގެ ކުރިން ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާ އެކު އެ މަސައްކަތް އެންމެ 330 މިލިއަން ޑޮލަރުން ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއަށް ހިނގާނެ ހަރަދާ ގުޅޭގޮތުން މިހާރު ލަފާކުރެވޭ ތަފްސީލީ އަދަދުތައް މިނިސްޓަރު ހާމަކުރެއްވީ، ސަރުކާރުން ބޭއްވި ’އަހާ‘ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު އެ މަޝްރޫއުގެ ހަރަދުތަކާ ގުޅޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއީ މި މަޝްރޫއުގެ ހަރަދާ ގުޅޭގޮތުން ސަރުކާރުގެ އިސް ވެރިއަކު މިފަދަ އަދަދުތަކެއް އާންމުކުރެއްވި ފުރަތަމަ ފަހަރެވެ.
މިރޭގެ ފޯރަމްގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ކުރިން އަންދާޒާކުރެވުނީ ކުރީ ސަރުކާރުން ފަޅުތައް ހިއްކަމުން ދިޔަ މާކެޓް ރޭޓުތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން އޭރު ހިސާބު ޖެހީ ބާޒާރުގައި ހުރި އަގުތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ދިޔަ ހަރަދުގެ އިތުރުން، އޭރުގެ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމަށް ކުރި ހަރަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
”އޭރު އަޅުގަނޑުމެން ހިސާބު ޖެހީ އޭރުގެ މާކެޓްގައި ރޭޓް ހުރި ވަރާއި އޭރު ޝޯޕްރޮޓެކްޝަން އޮތް ގޮތާ ކަންކަން ބަލާފައި. އަދި އޭރު ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމަށް ދިޔަ ހަރަދަށް ބަލާފައި ދިން ހިސާބެއް އެއީ،“ މިނިސްޓަރު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިހާރުގެ އަންދާޒާއަކީ މުޅި މަޝްރޫއަށް 330 މިލިއަން ޑޮލަރު ކަމަށެވެ.
ހިސާބުތައް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ރަސްމާލޭގެ 1،000 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު ހަރަދުވާނެ ކަމަށް ބެލެވެނީ 330 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން 500 ހެކްޓަރު ހިއްކުމުގެ ހަރަދަކީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށެވެ. މިއީ ވީހާ ވެސް ހަރަދު ކުޑަކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމުގައި ވެސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ސިޔާސަތު ކަމުގައި ވީނަމަވެސް، އެ މަޝްރޫއަށް ކުރެވޭ ހަރަދުތަކުގެ ތަފްސީލާއި، ރަސްމާލޭގެ ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހަވާލުކުރުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތުތައް ސާފުކޮށް ހާމަނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި މި މަޝްރޫއަށް 700 މިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު ހަރަދެއް ހިނގާނެ އެވެ.
ނަމަވެސް މި ހުރިހާ ވާހަކަތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް ރަސްމާލެ ހިއްކުމުގެ މުޅި މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.

