ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމަކީ ރައްޔިތުންނަށް އޮޅުވާލައިގެން އިދިކޮޅު ފަރާތްތަކުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ”ގައުމީ ހަރަކާތް“ގެ ނަމުގައި އިންތިޒާމުކޮށްގެން ބޭއްވި ”ދިވެހީންގެ ބިން ދިވެހިންނަށް“ އެއްވުމުގައި އިދިކޮޅު ސިޔާސީ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަދި އެ،ްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހިމެނިވަޑައިގަންނަވައެވެ.
މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނާއި ފައިސަލް ނަސީމް އަދި ފައްޔާޒަކީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައިވާ ބޭފުޅުންނެވެ.
އެ އެއްވުމާ ގުޅުވައި މިނިސްޓަރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަގީގީ ގައުމީ ކަމެއްގައި ނަމަ އޭނާ ވެސް ހުންނަވާނީ އެންމެ ކުރީ ސަފުގައި ކަމަށެވެ. ނަމަވެސް އެ އެއްވުމުން ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ގައުމުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކަންކުރަންޖެހޭ ގޮތް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ބޮޑެތި ކަންކަން މީގެ ކުރިން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވަންހަނާކޮށް ކުރައްވާފައި ތިއްބެވި ވެރިން، މިއަދު ދީނާއި ގައުމިއްޔަތުގެ ދިފާއުގައި ކަމަށް ބުނެ އަޑުއުފުލި ނަމަވެސް، އެ ބޭފުޅުންގެ ސިޔާސީ ފަތިފުށާއި ހަގީގީ ނިޔަތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެ ބޭފުޅުންގެ ހަމައެކަނި ބޭނުމަކީ ހަނި ސިޔާސީ މަންފާއެއް ހާސިލުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ދިފާއުކުރައްވަމުން ޝިޔާމް ވިދާޅުވީ، އެމަނިކުފާނަކީ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްގައި އިސްލާމީ ކަންކަމަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައި، ގައުމީވަންތަ ސިފަ އެންމެ ބޮޑަށް ދައްކަވާނެ ރައީސް ކަމަށެވެ. ޚާއްސަކޮށް ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާ ދެކޮޅަށް ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ފާޅުގައި ކެރިވަޑައިގެން އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ރައީސް މުޢިއްޒު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ތަރުތީބުކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވަމުން، މިނިސްޓަރު ވަނީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ބޮޑެތި ދަރަނިތައް މި ސަރުކާރުން މެނޭޖުކުރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިޔާދަތީ ދަރަނީގެ ގޮތުގައި 1.9 ބިލިއަން ޑޮލަރު ދައްކައި، ގައުމު ބޮޑު ދަރަނީގެ ދަންތުރައިން ސަލާމަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފައިވާކަން ފާހަގަކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުތައް ރާއްޖެއަށް އަންނަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މަޝްރޫއުތައް ކިތަންމެ ބޮޑުވެފައި އަގު ކިތަންމެ މަތިވި ނަމަވެސް، މި ސަރުކާރަކީ ދިވެހީންގެ ދީނާއި، ސަގާފަތާއި، މިނިވަންކަމާއި ގާނޫނުއަސާސީގެ އިމުން ބޭރުވެ އެއްވެސް ކަމެއް ކުރާނެ ބައެއް ނޫން ކަމަށެވެ.

