މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ މަސްމާރުކޭޓާއި ސަލްޓަން ޕާކު އަދި ރަސްފަންނު ހިމެނޭހެން 14 ބިމެއް ސިޓީ ކައުންސިލުގެ އިހްތިސާސުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ނިންމީ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހެވެ.
އެ މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން މިއަދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން ގަރާރަށް ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 52 މެންބަރުންނެވެ. ފެންނަ ކަމަށް 11 ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް އަދި ވޯޓުން ފާސްނުވެއްޖެނަމަ ބަހުސް ނުކުރެވޭ ގޮތަށް ގަވައިދު ބަދަލުކުރި ފަހުން މަޖިލީހުން ބޭރުކޮށްލި ދެވަނަ ގަރާރެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު ވެސް ބޭރުކޮށްލާފައިވެއެވެ.
ބިންތައް އަތުލި މައްސަލައިގައި މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ނަގަން ނިންމާފައިވަނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލުގެ އިދާރީ ހިންގުމުގެ ހަރަދުތަކަށް ހައްސަކޮށްފައިވާ ފައިސާ ކަމަށާއި، އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބޭ އާމްދަނީ ގެއްލޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެ ބިންތައް އަތުލީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއުތައް ކައުންސިލުން އެކުލަވައިލަނިކޮށް ކަމަށާއި ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ގަރާރުގައި ވެއެވެ. އަދި އެ ނިންމުމުގެ ސަބަބުން ކައުންސިލުގެ ގާނޫނީ ބާރުތައް ހަނިވެގެންދާނެކަމަށް ވެސް ގަރާރުގައިވެއެވެ.
މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި ބިންތައް އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކައުންސިލުން ސިވިލް ކޯޓުގައި އެދިފައިވާނެކަން ހާމަކޮށްފައެވެ.

