ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްގަމު ދަތުރުފަތުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ސިޓީ ކައުންސިލުން ކޯޓަށް ދަނީ

މިއަދު ބޭއްވި ކައުންސިލްގެ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާއި މާލެ ސިޓީ ކައުންސިލުގެ ގާނޫނީ މެންޑޭޓް ފުށޫއަރާކަމަށް ބުނެ އެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދުސްތޫރީ ސައްހަކަމާ މެދު ސުވާލު އުފައްދައި، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ އާންމު ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފުރުޝާނެވެ. އެ މައްސަލައިގައި ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ކައުންސިލުގެ ޖަލްސާގައި މައްސަލަ ހުށަހަޅުއްވަމުން ފުރުޝާން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ”ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ (ޖީއެމްޓީއެމްއޯ) އުފައްދަވާފައިވާއިރު، އެ އޮފީހުގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ފުށުއެރުންތަކެއް ހުރިކަމަށެވެ.

ފުރުޝާން އިތުރަށް ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ މާއްދާތަކާ ދެކޮޅަށް ޝަރުއީ މަރުހަލާއެއް ފަށަންޖެހޭ ކަމަށެވެ. އަދި އެ މައްސަލާގައި ވަކި ގޮތެއް ނިމެންދެން، ހިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ގާނޫނީ ބާރުތައް ލިބިދީފައިވާއިރު، ރައްޔިތުން އިންތިހާބުކޮށްފައިވާ ސިޓީ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފައްދާފައިވާ އޮފީހަކަށް އަލުން ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކައުންސިލުން ވަރަށް ރަނގަޅަށް މަގުތައް ހަދައި، ކާނުތައް ސާފުކޮށް، ގަސްތައް ބަލަހައްޓަމުންދާ ދަނޑިވަޅެއްގައި އަދި މި މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ވަގުތެއްގައި، ކައުންސިލަށް ސަރުކާރުން ކުރާ ޖެއްސުންތައް ބޮޑުވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގައި މާލޭ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލުތައް ބަޔާންކުރާ އެ ގާނޫނުގެ އަށް ވަނަ ބާބުގެ ދަށުން މާލޭގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ 2029ގެ ނިޔަލަށް ވަނީ ސިޓީ ކައުންސިލްގެ އަތުން ވަކިކޮށްފައެވެ. އެ ހާއްސަ ބާބުގެ ދަށުން އަލަށް އުފައްދާފައިވާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ އެ މަސައްކަތްތައް ހަވާލުކޮށްފައިވާއިރު، މީގެ ކުރިން ކައުންސިލަށް ލިބެމުން އައި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ވެހިކަލް ފީ ސިޓީ ކައުންސިލުގެ އާމްދަނީން ގެއްލޭނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: