ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީގެ ބިންތައް ނެގުމަކީ ބާރުތައް މަރުކަޒުކުރުމަށް ސަރުކާރުން ކުރަމުންދާ އަމަލުތަކަށް އިތުރުވި ބޮޅެއް: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު:----ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، އާންމު މައިޒާންތަކާއި ފާހާނާތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒުކުރުމަށް ކުރަމުންދާ އަމަލުތަކަށް އިތުރުވި ބޮޅެއްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ އިހްތިސާސްގައި އޮތް 14 ބިމެއް ސަރުކާރަށް އަތުލަން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީގެ ކުރިން ގާނޫނަށް ބަދަލު ގެނެސް ޓްރެފިކް ބެލެހެއްޓުމުގެ ބާރާއި ވެހިކަލް ރަޖިސްޓްރީ ފީގެ އާމްދަނީ އަތުލުމަށްފަހު، މިހާރު ބިންތައް އަތުލައި ކައުންސިލްތަކުގެ ބާރު ކަނޑުވަން ހިންގާ އެފަދަ އަމަލުތައް ޝަމްހީދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ. އަދި އެއީ ބާރުތައް މަރުކަޒުކުރުމަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

”މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، އާންމު މައިޒާންތަކާއި ފާހާނާތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް ކުރަމުންދާ އަމަލުތަކަށް އިތުރުވި ބޮޅެއް،“ ޝަމްހީދު

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް އަތުލަން ނިންމުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ. ކައުންސިލުން އެގޮތަށް ނިންމީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ބިންތައް އަތުލަން އަންގައި ފޮނުވި ސިޓީއާ ގުޅިގެން ބޭއްވި ކުއްލި ޖަލްސާއަށް ހުށަހެޅި ގަރާރަކުންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބިންތައް އަތުލަން އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން އަންގައިގެން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ބިންތަކުގައި ހިންގަން ގަސްދުކުރާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދީފައިނުވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

އެކަމާ ގުޅިގެން ބޭއްވި ކައުންސިލްގެ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ބިންތަކެއް ހަމަ ހުރެފައި މަޝްވަރާކުރުމެއް ނެތި ސަރުކާރަށް ނުނެގޭނެ ކަމަށެވެ. އަދި ބިންތައް ނެގުން ހުއްޓުވުމަށްޓަކައި ކޯޓުން ވަގުތީ އަމުރަކަށް އެދުމަށާއި، މި ނިންމުމަކީ ކައުންސިލްތަކުގެ ބިން ފޭރުމުގެ އަމަލެއްގެ ގޮތުގައި މެމްބަރުން ވަނީ ސިފަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: