އާންމުންގެ ބޯހިޔާވަހިކަމަށް އަޅަމުންދާ ކޮންޑަމިނިއަމްތައް ބޭރު މީހުންނަށް ދިގު މުއްދަތަކަށް ކުއްޔަށް ދެމުންދާ ކަމަށާއި އެ މީހުން އެތަންތަން މިލްކުކުރަމުންދާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެެވެ.
މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އަޅަމުންދާ ބައެއް ކޮންޑަމިނިއަމްތައް އާންމުންނަށް ނުވިއްކައި، ކުލީގެ މުއްދަތަށް ބޭރުގެ މީހުންނަށް އެއްކޮށް ވިއްކާލަމުންދާ ކަމަށާއި އެ ފަރާތްތަކުން އެ އިމާރާތްތައް މިލްކުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ކޮންޑޮމިނިއަމް އިމާރާތްތައް އެއްކޮށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދީފައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިލްކުކުރުމުގެ މާނައަކީ، ދިގު މުއްދަތަކަށް އެ މީހުން އެބަ ކުއްޔަށް ނަގާ. ހުޅުމާލޭގައި މިހާރު އަޅާ ބައެއް ކޮންޑަމިނިއަމްތައް އެއްކޮށް ކަހަލަ ގޮތަކަށް ބޭރުގެ ފަރާތްތަކަށް މިދަނީ ކުލީގެ މުއްދަތު އެއްކޮށް ވިއްކާލަމުން. އެހެންވީމަ އެއީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަޅާ ފްލެޓުތަކެއް ރައްޔިތުންނަށް ނުވިއްކާ ކުލީގެ އެއްބަސްވުމެއްގެ ދަށުން ބޭރުގެ އެއްބަސްވުމެއްގެ ދަށުން ބޭރު މީހުންނަށް ދޭކަމުގެ މައުލޫމާތު އަޅުގަނޑަށް ލިބިފައި ހުރީ،“ ޑރ. ޝަމްހީދު
އެތަންތަނުގައި ދިރިއުޅެން އަންނަ ފަރާތްތަކާ ގުޅޭ ކަންކަމަކީ ވެސް ގާނޫނީ ގޮތުން އެއްވެސް ކޮޅެއް މެދެއް ނޭނގޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރަސްމާލޭގެ މަޝްރޫއުއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ރިޒާވް ހުސްވަމުން ދިޔުމާއި ޑޮލަރުގެ ދަތިކަމުގެ މައްސަލަ ވެސް ގުޅިފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމާ ކަމަށެވެ. އެގޮތުން ރިޒާވް ހުސްވަނީ ބިން ހިއްކުމަށް ބޮޑެތި ހަަރަދުތަކެއް ކުރަން ޖެހުމުން ކަމަށާއި ޑޮލަރުގެ ދަތިކަމުގެ މައްސަލަ އުފެދެނީ އެކަމާ ގުޅިގެން ކަަމަށް ޝަމްހީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ބޭރުގެ މީހުން ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، އެކަމުން ދިވެހި ދައުލަތަށް ލިބެން އޮތީ ސީދާ ކިހާ ފައިސާއެއް ކަމެއް ނޭނގުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގެ ވާހަކަ ދައްކާއިރު، މިއަދު ވެސް ނ. އަތޮޅުގައި ފްލެޓުތަކެއް ބޭރުގެ ފަރާތްތަކަށް ހުސްނުވާ 99 އަހަރަށް ވިއްކަމުންދާކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ނ. އަތޮޅުގައި ތަރައްގީކުރާ އައިލާ ސަސްޓެއިނެބަލް ޓައުންޝިޕަށް ވެސް ހިނގާނީ މިހާރު ހުށަހަޅައިގެން އުޅޭ ރިއަލް އެސްޓޭޓް ގާނޫނު ކަމަށާއި އެކަން ހުއްޓުވަން ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ރިއަލް އެސްޓޭޓް ބިލު އޮތް ގޮތުން ރަސްމާލެ މަޝްރޫއުއާ މެދު އޮތް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުކުރެވެން ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެކަމާ މެދު ބަހުސްކުރެވި، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން ކަމަށް ވިދާޅުވިއެވެ.

