ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލޭންކޮށްގެން ނޫނީ މާލޭގެ ތޮއްޖެހުމަށް ދުވަހަކުވެސް ހައްލެއް ނާންނާނެ: މޭޔަރު އާޒިމް

މޭޔަރ ޢާޒިމް/"ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް" މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީއަކީ ވަކި އިންތިޒާމުތަކެއްގެ ތެރެއިން ޕްލޭންކޮށްގެން ތަރައްގީކުރާ ތަނަކަށް ނުހަދައިފިނަމަ، ދުވަހަކުވެސް މި ސިޓީގެ ރައްޔިތުންނަށް ތޮއްޖެހުމުގެ ތެރެއިން އަރައިނުގަނެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ، ”ރައްޔިތުންގެ ބިން ރައްޔިތުންގެ ބަސް“ މި ނަމުގައި މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ފާހަގަކުރެއްވި ގޮތުގައި މާލެއަށް މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޒަމާނުއްސުރެ ދުރު ރާސްތާގެ ވިސްނުމެއް ނެތި، އެ ވަގުތަކު ހިތަށް އެރި ގޮތަކަށް ކަންކަން ކުރުމުގެ ސަގާފަތެވެ. މިސާލެއްގެ ގޮތުން ބަނޑޭރިކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ދާދިފަހުން ކޮންޓްރެކްޓުގައި ސޮއިކުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގާއިރު އެ ސަރަހައްދުގެ ޓްރާންސްޕޯޓާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތަކަށް ވާނެ ގޮތަކާ މެދު ވިސްނާފައި ނުވާ ކަމަށެވެ. އަދި އެތަނުގައި އުޅޭނެ އާބާދީއަށް ބޭނުންވާނެ ސްކޫލްތަކާއި މިސްކިތްތަކަށް އެއްވެސް ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި އިމާރާތެއް އެޅުމަށް އިސްކަންދޭ އުސޫލު ބަދަލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

”ވަކިވަކި ކަންކަން ކުރުމުގެ ބަދަލުގައި މުޅި މާލެއަށް ބޮޑު ޕްލޭނެއް ގެނެސްގެން ނޫނީ މާލޭގެ ތޮއްޖެހުމެއް ރަނގަޅެއް ނުވާނެ. އެހެންވީމަ ޕްލޭންކޮށްގެން އިންތިޒާމުތަކެއްގެ ތެރެއިން އެކަން ނުކުރާކަމަށް ވަންޏާމުން ދުވަހަކުވެސް މާލެ ރައްޔިތުންނަކަށް މި ތޮއްޖެހުމުގެ ތެރެއިން އަރައެއް ނުގަނެވޭނެ،“ މޭޔަރ އާޒިމް

މީގެ އިތުރުން، ފާއިތުވި ހަތަރު ދަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އާބާދީ ވަނީ 250،000 އަށްވުރެ މައްޗަށް އަރާފައިކަމަށާއި ނަމަވެސް، މި އިތުރުވި އާބާދީއާ އެއްވަރަށް ފުރިހަމަވާންޖެހޭ ފެނާއި، ނަރުދަމާ، ކަރަންޓު، ކުނި މެނޭޖުކުރުން، ޓްރެފިކް ބެލެހެއްޓުން، ޑީވޯޓަރިންގ އަދި ސްޓޯމް ވޯޓާ ސިސްޓަމް ފަދަ ޒަރޫރީ ހިދުމަތްތަކާއި މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވިފައި ނުވާތީ، މާލެ ސިޓީއަށް މިއަދު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަސްލު މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި ދަނީ ދުރުރާސްތާގެ ހަރުދަނާ ތަރައްގީގެ ޕްލޭނެއް ނެތި ސިޔާސަތުތައް ތަންފީޒުކުރަމުންދާތީ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ ތޮއްޖެހުން ކުޑަކުރުމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ފޭސް 1، 2، 3، ގުޅީފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކި ނަމަވެސް، އެ ތަންތަނުގައިވެސް އާބާދީއާ އެކުއެކީ ގާއިމުވާންޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އަދިވެސް މާލެ ސިޓީއަށް ބަރޯސާވާ މިންވަރު ކުޑަނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ކަންކަން ހިނގަމުންދަނީ އެފަދަ ގޮތަކަށް ކަމަށާއި، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ރައީސް އޮފީހާއި އެޗްޑީސީގެ މަދު ބަޔަކު ދައްކާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިމާރާތްތައް އަޅަމުންދާތީ އެތަނުގައިވެސް އެކަށީގެންވާ ސްކޫލްތަކާއި، މިސްކިތްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ނެތްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުޑަމިނުން މަގުތައްވެސް ހުރީ ނުހެދިކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސިޓީ ކައުންސިލުން ބޮޑު މާސްޓަރ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށާއި، އެ ޕްލޭން ތަންފީޒުކުރެވޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބްރިޖުތަކުން ސަރަހައްދުތައް ގުޅެމުންދާއިރު، ހަމައެކަނި އުސްކޮށް އިމާރާތް އެޅުމުގެ ވިސްނުމުން ބޭރުވެ، ފުޅާ ދާއިރާއެއްގައި ތަރައްގީ ބަހާލަންޖެހޭ ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މާލެ ފެހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މޭޔަރު ވިދާޅުވީ، ހީނާމާގެ ޕާކިންގ ސަރަޙައްދުގައި ހުރި ގަސްތައް ކަނޑާލައިގެން އެތަނުގައި ޕާކިންގ އިމާރާތެއް އަޅަން ތާއީދުނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ ބާވެ ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ގުދަންތަކާއި، ގަސްތައް ނެތް ހުސްބިންތައް އެފަދަ ބޭނުންތަކަށް ބޭނުންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މާލޭގެ މަސްމާރުކޭޓުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އެ މަޝްރޫއުގެ ފުރަތަމަ ކޮންޓްރެކްޓް 6.5 މިލިއަން ޑޮލަރަށް ހެދުމަށްފަހު، ދެވަނަ ކޮންޓްރެކްޓް އެއްވެސް އުސޫލެއް ނެތި ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު ބޮޑުކޮށް 9.5 މިލިއަން ޑޮލަރަށް ބަދަލުކޮށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އަޒިމް ހާމަކުރެއްވިއެވެ.

މޭޔަރު ވަނީ ސިޓީ ކައުންސިލުން އެކަނި ކަންކަން ނުކުރެވޭނެކަމަށާއި ސަރުކާރުންވެސް ކަންކަމުގައި ކައުންސިލާއި މަޝްވަރާކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އެތަކެއް ބިންތަކެއް ނަގާފައިވާއިރު އެކަމުގެ ކަންބޮޑުވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަމަލީ ގޮތުން ރޭވުންތެރިކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މޭޔަރު ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: