ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަށް ގައުމުގެ ހާލަތު ނޭނގުމުގެ ފައިދާ ނަގަނީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން: ތައުފީގު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޙާލަތާއި، ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި އަދި އެނޫންވެސް ކަންތައްތައް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އެނގިވަޑައިނުގަތުމުގެ ފައިދާ ނަންގަވަނީ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކަމަށް، ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އާދަމް ތައުފީޤް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ތައުފީގު ވިދާޅުވީ، ސަރުކާރުގެ ހާލަތު މިހާ ހިސާބަށް ގޮސް ރައްޔިތުންގެ އަނގަޔާ އަތާއި ދިމާނުވެގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާގެ ނާޤާބިލު ކަމުންކަން ހުދު އެމަނިކުފާނަށްވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ތައުފީގް ވިދާޅުވީ ރައީސަށް ކަންކަން އެނގިވަޑައިނުގަތުމުގެ ނާޖާއިޒް ފައިދާ މިހާރު ނަންގަވަނީ ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކަމަށެވެ. އަދި އެފަރާތްތަކުން ރައީސް ސޯލިހަށް ފޯރުކޮށްދޭ މައުލޫމާތު ސައްހަ ނޫންކަން ރައްޔިތުންގެ މަޖިލީހުންވެސް ފާހަގަކޮށްފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދިވެސް އެތަކެއް ހުފަނެއް ރައީސް ސޯލިހަށް ދައްކަވަމުން ގެންދަވާ ކަމަށާއި އެވާހަކަތަކަށް ހެއްލިވަޑައިގެން ގައުމު އޮޔާދާން ދޫކޮށްލައްވައިގެން އެމަނިކުފާނު ހުންނެވި ކަމަށް ތައުފީގް ވިދާޅުވިއެވެ.

ތައުފީގް ވިދާޅުވި ގޮތުގައި ބްރިޖްގެ ވާހަކައާ ރަށްރަށުގެ ނަރުދަމާގެ ވާހަކަ ވަޒީރުން ދައްކަވާއިރު، ދައުލަތުގެ މާލިއްޔާގެ ހާލަތު މިއަދު ހުރި ހިސާބުވެސް ރައީސަށް އެނގިވަޑައިވަޑައި ނުގަންނަވައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ތަފްސީލުތައް ދިމާނުވާކަން މަޖިލީހުގެ ރައީސްވެސް ފާހަގަކުރައްވާފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

“އަދިވެސް ވަޒީރުން ރައީސަށް ހުވަފެން ދައްކަވާ، ބްރިޖް އެޅޭނެޔޭ، ނަރުދަމާ އަދި ބަނދަރު މުޅި ރާއްޖޭގައި ގާއިމްކުރެވޭނެޔޭ ކިޔައިން، އެކަމަކު ހުދު ރައީސަށްވެސް އެނގިވަޑައިނުގަންނަވާ ދައުލަތުގެ މާލިއްޔަތު ހުރި ހިސާބާއި ހާލަތު، ފިނޭންސް މިނިސްޓްރީން އާއްމުކުރާ މައުލޫމާތާއި މަޖިލީހަށް ހުށަހަޅާ މައުލޫމާތު ދިމާނުވާ ކަމަށް އެ ވިދާޅުވަނީ މަޖްލީސް ރައީސް” ތައުފީގް

މީގެ އިތުރުން ތައުފީގް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ލަސްވެގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިސް ބޭފުޅުން ދެއްވާ ނުބައި ވަސްވާހުގެ ސަބަބުން ކަމަށެވެ. އެގޮތުން އަދިވެސް ކޮވިޑްގެ ކަންކަން ކޮންމެވެސް ވަރަކަށް ހަމައަށް އެޅުމުން ދެތިން ތަނެއްގެ ރެބަންފަށް ކަނޑާލާ ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

ތައުފީގް ވިދާޅުވީ ރައްޔިތުން ގުބޯ ނަހައްދާ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ސަރުކާރު ކޯލިޝަނަށް ކާމިޔާބުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި ދަޅަދައްކަން ހަދައިގެން ބޮޑެތި މަޝްރޫޢުތައްވެސް އެންމެ ފަހު ވަގުތު ކޮންމެވެސް ބަޔަކަށް ނާޖާއިޒް ފައިދާ ވާ ގޮތަށް ދޫކޮށްލަންޖެހޭތަން ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.

ސަރުކާރުން ހިންގަމުންދާ ކަމަށްބުނާ މަޝްރޫޢުތައް އަވައްޓެރި ގައުމުތަކާއި ގާތް މީހުންނަށް ނުއަގުގައި ދިނުމަށް މިސަރުކާރަށް މަޖުބޫރުވެގެންދާ މަންޒަރު ފެންނަ ކަމަށާއި، ބައެއްގެ އަޅުވެތިކަމަށް ވެއްޓިގެން ގައުމަށް ގެއްލުންހުރި ކަމެއް ނޫނީ ނުވާނެ ކަމަށް ތައުފީގު ވިދާޅުވިއެވެ.

“ބައެއް ކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް މިހާރުވެސް އަޅުގަނޑުމެން މި ތުހުމަތުކުރާ ގޮތަށް އަޅުވެތިކަމާއި ދޭތެރޭ ނުވަތަ ނުވަތަ ނުއަގުގައި އަވައްޓެރި ގައުމުތަކަށްދީ ނުވަތަ ބައެއް ގައުމުތަކުގައި ތިބި ގާތް ރަހުމަތްތެރި އިންވެސްޓަރުންނަށްދީ، އެކަންކަން ފެއްޓުމަށްފަހުގައި ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވާނެ” ތައުފީގް

ތައުފީގް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ދަރަޖައަކަށް، ގައުމުގެ އިގްތިޟާދާ އެހެނިހެން ކަންކަން ހިގައްޖެކަމަށެވެ. އަދި ގައުމުގެ ހާލަތު އިތުރަށް ގޮސްވިޔަ ނުދިނުމަށް ރައްޔިތުންވެސް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން ވެއްޖެ ކަމަށާއި، މަގުތަކަށް އެއްނުވެ މުޒާހަރާނުކޮށްވެސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތްތައް ހުންނާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ.

އިޚުލާސްތެރިކަމެއް ހުރިނަމަ މިސަރުކާރު ވެރިކަމަށް ގެނައުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ޓީވީތަކަށް އަރައި ސަރުކާރުގެ ސިޔާސަތުތަކާއި ކަންކަން ކަމުނުދާ ވާހަކަ ދެއްކުމުގެ ބަދަލުގައި، އެހެން ޕާޓީގެ އެތެރޭގައި ތިބިގެންވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރަންޖެހޭ ކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގް ވިދާޅުވީ ކައުންސިލު އިންތިޚާބަށް ދިޔުމުގެ ކުރިން ވާދަވެރި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބެންވާނެ ކަމަށެވެ. ކޮވިޑަކީ އެއްވެސް ބަޔަކަށް ފެންނަ ބައްޔެއް ނޫން ކަމަށާއި، އެކި ހާލަތްތަކުގައި ކަންކަން ވަމުން އަންނަނީ އެކި ގޮތަށް ކަމަށް ތައުފީގް ވިދާޅުވިއެވެ.

ސަރުކާރުގެ މަންދޫބުންނަށް ރަށްރަށް ޒިޔާރަތް ކުރެވޭއިރު، އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުންނަށްވެސް އެފުރުސަތު އޮންނަންވާނެ ކަމަށާއި ކޮވިޑަކަށް ސަރުކާރެއް އިދިކޮޅެއް ވަކިކުރާކަށް ނޭގޭނެ ކަމަށްވެސް ތައުފީގު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: