ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަށް ލިބިފައިވާ ބާރުގެ ތެރެއަށް އެހެން ބަޔަކު ވެއްދުމަކީ ކަންބޮޑުވާ ކަމެއް: ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް: ފޮޓޯ ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބުތައް ބޭއްވުމަށް ޤާނޫނުން އިލެކްޝަންސް ކޮމިޝަން (އީސީ) ލިބިދީފައިވާ ބާރުތަކުގެ ތެރެއަށް އެހެން ބަޔަކު ވެއްދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު ފާސްކުރީ މިދިޔަ އަހަރު އިންތިހާބު ނުބޭއްވޭނެކަން ޔަގީންވުމުން އޭގެ ސަބަބުން ކުރިމަަތިވާ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދައިދޭށެވެ. އެފަދަ ގާނޫނެއް ހަދަން، ސުޕްރީމް ކޯޓުން ވެސް އޭރު ލަފާދިނެވެ. ނަމަވެސް މިހާރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު، އިސްލާހުކުރަން ސަރުކާރުން ފޮނުވި ބިލް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި “ސަންސެޓު ގާނޫނު” ގައި އޮތް ގޮތަށް އެއް އަހަރުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ލާޒިމު ނުވާ ގޮތަށް މާއްދާއެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ ނިންމާފައެވެ.

ސަންގަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ސަންސެޓު ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝަރީފް ވިދާޅުވީ ހާއްސަ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގައި މި ޕެންޑަމިކްގެ ހާލަތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލަށް ގިނަ އިޚުތިޔާރުތަކެއް އެބަ އޮތް ކަމަށެވެ.

އެގޮތުން އިންތިޚާބު ބާއްވަންޖެހޭނީ ޑިރެކްޓަ ޖެނެރަލުގެ ލަފަޔާ އިރުޝާދުގެ މަތިންކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އިލެކްޝަންސް ކޮމިޝަނުގެ ބާރުގެ ތެރެއަށް އެހެން ބަޔަކަށް ވަދެވޭގޮތަކަށް އެކަން އޮތުން ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްހާ ހިނދަކު އިންތިހާބުގެ ކަންކަން ކުރަންވާނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށް ބިލުގައި ހިމަނާފައިވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ ފުރިހަމަ ބާރު އޮންނަންވާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށް ޤބޫލުކުރައްވާ ކަމަށާއި އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުކަމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ވާހަކަ އެޗްޕީއޭއަށް ދެއްކިދާނެ ކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ގާނޫނާއި އެނޫންވެސް އުސޫލުތަކުގެ ތެރެއިން އިންތިޚާބާއި ގުޅިގެން ކަންކަން ކުރުމަށް ކަނޑއަޅާފައިވާ މުއްދަތުތަކަށް ބަދަލު ގެނައުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ އެއްވެސް ގޮތަކަށް ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެގޮތަށް ކަންތައްކޮށްފިނަމަ، އިންތިޚާބާއިމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“މި ގާނޫނުގައި އޮތީ އިލެކްޝަންސް ކޮމިޝަނުގެ ބާރުތަކުގެ ތެރެއަށް އެހެން ބަޔަކަށް ވަދެވޭ ގޮތަށް، އެއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން، އިންތިޚާބުތައް ބޭއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އިލެކްޝަންސް ކޮމިޝަނަށް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަދ އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ޤަބޫލުކުރަން ދަތި އިންތިޚާބުތަކާއިބެހޭ ޤާނޫނުން ދީފައިވާ މުއްދަތުތަކަށް ބަދަލު ގެނައުންވެސް” ޝަރީފް

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާއި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި މާބޮޑު ތަފާތުތަކެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ބަލިމަޑުކަމުން އާންމު ހާލަތަކަށް ރުޖޫއުވާތަން ފެންނަ ކަމަށާއި އެފަދަ ވަގުތަކަށް މަޑުކޮށްލުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކެންޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭކަމުގެ ޝަކުވާ ލިބޭ ކަމަށާއި، ގާނޫނު އިސްލާހު ވިޔަސް ހަމަހަމަ ފުރުސަތުތައް ނުލިބޭކަން ފާހަގަވެއްޖެނަމަ އިންތިޚާބެއް ނުބާއްވާނެ ކަމަށާއި އިންތިޚާބު ބާއްވާނީ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު ލިބުމުން ކަމަށެވެ.

ހުރިހާ ކެންޑިޑޭޓުންނަކަށް ހަމަހަމަ ފުރުސަތު ނުލިބުމުގެ ޝަކުވާ ހުޝަހަޅަމުންދާ ކަމަށް ޝަރީފް ވިދާޅުވިއިރު، ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. ސިޔާސީ ހަރަކާތްތައް ހިންގަން ހަމަ ހަމަ ފުރުސަތު ނުދޭތީ އިދިކޮޅު ކޯލިޝަނުން ވަނީ އެކި ފަހަރު މަތީން އިލެކްޝަން ކޮމިޝަނާއިވެސް ބައްދަލުކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތަސް، އިންތިޚާބު ބޭއްވޭނެ ގޮތް ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލެެއް ހުުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އޭނާ ހުށަހެޅުއްވީ އެ އިސްލާހު ތަސްދީގު ކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބުގެ މަސައްކަތްތައް ފަށަން ޖެހޭ ގޮތަށެވެ. އެހެން ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ބިލުގައިވެ އެވެ.

އިންތިޚާބު ފަސްކުރުމަށް، ހެދި ޚާއްސަ ޤާނޫނުގައި އޮތް ގޮތަށް އެއް އަހަރުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ލާޒިމު ނުވާ ގޮތަށް މާއްދާއެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: