މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކާއި ތަޅުމުން ބޭރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ މެމްބަރުން ދައްކަވާ ވާހަކަތައް ދިމާނުވާކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިންތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ހަސަން ވަނީ އިދިކޮޅު މެމްބަރުންނަށް އަމާޒުކޮށް، ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ހަގީގަތް އޮޅުވާލައިގެން ވާހަކަދައްކަވާކަމަށް ތުހުމަތުކުރެއްވިއެވެ.
އެގޮތުން މެމްބަރު ހަސަން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު މެމްބަރުން މަސައްކަތް ނުކުރައްވާކަމަށެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން ފާހަގަކުރައްވާ ވިދާޅުވީ، މަޖިލީހުގެ ޕޯޑިއަމްގައި ދައްކަވާ ވާހަކަތަކަކީ ޕަޓީގެ އެކްޓިވިސްޓުންގެ ތާއީދު ހޯއްދެވުމަށް ދައްކަވާ ވާހަކަތަކެއްކަމަށެވެ.
މެމްބަރު ހަސަން އިތުރަށް ވިދާޅުވީ ޕާޓީގެ ކަންކަމުގައި ހެދޭނީ ކިހިނެއްތޯ އެބޭފުޅުން ސުވާލުކުރައްވާކަމަށެވެ. އަދި ޕާޓީއަށް އަންނަނީ ޕާޓީ ދޫކޮށްފައި ދިޔަ މީހުން ކަމަށް ބުނާ އަޑު އިވޭކަމަށާއި، ރިޔާސީ ކެންޑިޑޭޓުކަން ދޭނީވެސް ކާކަށްތޯ އަމިއްލައަށް ސުވާލު އުފައްދަވާ އަޑުއިވިފައިވާކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މެންނަށް ނޫންތޯ އިނގޭނީ ކުޑަދޮށުގައި ދައްކަވާ ވާހަކަތައް. އެކިޔަނީ އައިސް ޕާޓީއަށް އަންނަނީ ދޮކާ ދީފައި ދިޔަ ވަހީދާއި، ޖަމީލޭ. ދެން ކިހިނެއްހޭ ޕާޓީ ހިންގާނީ، ރިޔާސީ ކެންޑިޑޭޓުކަން ދޭނީ. އެނޫނިއްޔާ ނެތޭ މީހެއް. ދެން އެކަމަށް ފައި ނަގަނީ މާވަށު ދާއިރާގެ މެމްބަރޭ. މިކަމުން ސަލާމަތް ނުވެގެނޭ މިއުޅޭނީ. ދެން ކިހިނެއްހޭ ކެންޑިޑޭޓަކަށް ވަގުތު ދޭނީ. މިއީ އަޅުގަނޑުމެން ކައިރި ކުޑަ ދޮށުގައި ދައްކާ ވާހަކަތައް“ ހަސަން އަހުމަދު ވިދާޅުވިއެވެ.
މެމްބަރު ހަސަންގެ ވާހަކައިގެ މެދުތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މެމްބަރު ހަސަން ހައްދަވަނީ އިތުރުފުޅުކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ މެމްބަރުންނަކީ ވާހަކަދެއްކެވުމަށް މޮޅު ބައެއް ކަމަށާއި އެހެންނަމަވެސް އެހާ ބޮޑެތި އިތުރުފުޅުތައް ހައްދަވާތީ އެކަން ސަމާލުކަމަށް ގެނައުމަށް ނިޒާމީ ނުކުތާއެއް ނެންގެވީކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރިޔާސަތުން މި ނިޒާމީ ނުކުތާ ބަލައިގެންފައެއް ނުވެއެވެ.

