ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިނާމެދު ބިރުވެރިކަން އުފައްދަން އިދިކޮޅުން މަސައްކަތްކުރޭ: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދަނީ ކޮވިޑް-19 ތައްޔާރުކޮށްފައިވާ ވެކްސިނާއިމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޚާއްސަ ޖަލްސާގައި، އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނައުމަށް ކޮމިޓީ މަރުހަލާއިން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ލަސްވާނެ ގޮތެއް ހޯދުމަށް، އިދިކޮޅު ފަރާތްތަކުން މިހާރުކުރާ މަސައްކަތަކީ ކޮވިޑް ވެކްސިނާމެދު ބިރުވެރިކަން އުފެއްދުން ކަމަށެވެ.

ހަލީމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ކޮވިޑް ވެކްސިން ޖެހިޔަ ނުދޭން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ރައްކާތެރި މާހައުލެއްގައި އިންތިޚާބު ބޭއްވޭނެ މަގުތަނަވެސް އެކަމަށް އޮތް އެންމެ ބޮޑު ފުރުސަތަކީވެސް ކޮވިޑް ވެކްސިން ލިބި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ދެވޭނެ އިންތިޒާމުތައް އަވަސްވުން ކަމަށް ހަލީމް ވިދާޅުވިއެވެ.

ކޮވިޑަކީ ވަކި މީހަކަށް ވަކި ކުލައަކަށް ބަލައިގެންޖެހޭ ބަޔެއް ނޫން ކަމަށާއި، އާންމުކޮސް ފެތުރެމުންދާ ބައްޔަކުން ސަލާމަތްވާނެ މަގު ހޯދުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ދާދި އަވަހަށް ވެކްސިންވެސް ރާއްޖެއަށް ލިބޭނެ ކަމަށާއި އެއީ މުލީއާގޭގެ ވަކި ކޮޓަރިކޮޅެއްގައި އިންނަވާ މީހަކު ދޫކުރުމުން ރައްޔިތުންނަށް ލިބޭ އެއްޗަކަށް ނުވާނެ ކަމަށެވެ.

“ވަރަށް އަވަހަށް ވެކްސިން ގެންނަ ގޮތަށް މިއޮތީ ރާއްޖެއަށް، މި ވެކްސިނާ ދޭރެތެރޭގައިވެސް ރައްޔިތުންނަށް ބިރުވެރިކަން ދައްކާ، އެ ވެކްސިން ހަގީގަތުގައި ޖެހިޔަ ނުދޭން މަސައްކަތްކުރާތަން އަޅުގަނޑުމެންނަށް މިފެންނަނީ، އެއީ ވަރަށް ހިތާމަވެރިކަމެއް، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ވެކްސިން ލިބޭނެ، މުލިއާގެ ތެރޭގައި އިންނަ ކޮޓަރިއަކުން ވަކި ބޭފުޅަކު ދޫކުރާ ގޮތަކަށް ނޫން އެކަން އޮންނާނީ” ހަލީމް

މީގެ އިތުރުން ހަލީމް ވިދާޅުވީ އެމްޑީޕީންވެސް އަދި ސަރުކާރުންވެސް ބޭނުންވަނީ ކައުންސިލް އިންތިޚާބު އަވަހަށް ބާއްވަން ކަމަށާއި ސަރުކާރުގެ ފަރާތުން މެންބަރު އަލީ ނިޔާޒް ބިލެއް ހުށަހެޅުއްވުމުގެ މާނައަކީވެސް މިކަން އަވަސްކުރަން ސަރުކާރުން ބޭނުންވާ މިންވަރު ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ނަން އަނބުރާ ގެންދިޔުމާއި ގުޅޭ ގޮތުން ހަލީމް ވިދާޅުވީ އަހަރު ދުވަސް ވަންދެން މަސައްކަތެއް ތިބުމަކީ އެންމެނަށް ވާނެވަރު ކަމެއް ނޫން ކަމަށާއި އެފަދަ އެތައް ސަބަބުތަކަކާއި ގުޅިގެން ނަންގެދިޔުމަކީ ވެދާނެ ކަމެއް ކަމަށެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީގެ ހާހަކަށްވުރެ ގިނަ ކެންޑީޑޭޓުން ކުރިމަތި ލާފައިވާއިރު، ނަން އަނބުރާ ގެންދާ އެމްޑީޕީގެ މެންބަރުން ގިނަ ކަމަށް ފާހަގަ ކުރެވެނީ އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުން މަދުވުމުން ކަމަށެވެ.

މި ރާއްޖޭގައި މަރުވާ މީހުންގެ ތެރޭގައިވެސް ގިނަ ވާނީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށާއި އެއީ އެޕާޓީއަކީ ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ވާތީ ކަމަށް ހަލީމް ވިދާޅުވިއެވެ. އެހެންވެ އިންތިޚާބެއްގައި ވާދަކުރިއަސް، ނަން އަނބުރާ ނެގިޔަސް ގިނަވާނީ ގިނަ މެންބަރުން އޮތް ޕާޓީއެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބައެއް ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޚާއްސަ ޖަލްސާގައި ކޮމިޓީން ގެނައި ބަދަލުތަކާއެކު، އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: