ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަންކޮށްގެން އެއާޕޯޓުން ވަކިކުރި ދެމީހަކަށް ވަޒީފާ އަނބުރާދިނުމަށް ހުކުމްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ވައްކަންކޮށްގެން ކަމަށްބުނެ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަކިކުރި ދެ މީހަކަށް އަނބުރާ ވަޒީފާދުނުމާއެކު، މާލީ ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ވައްކަމުގެ ތުހުމަތުގައި ވަކިކޮށްފައިވަނީ އެމްއޭސީއެލްގެ ސީނިއާ ފިއުލްޕާމް އޮޕަރޭޓަރު (ލެވެލް 1) ގައި ވަޒީފާ އަދާކުރަމުން ދިޔަ އާދަމް ޒަމީލް އާއި ރިފިއުލާ އޮޕަރޭޓަރު (ލެވެލް 8) ގައި ވަޒީފާ އަދާކުރަމުން ދިޔަ މުހައްމަދު އަބްދުﷲ އެވެ.

އެ ދެމީހުން ވަކިކުރީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު ހަތަރެއް ދުވަހުގެ ރޭ ދަންވަރު އިތުރު ބަޔަކާ ބައިވެރިވެގެން އެއާޕޯޓުގައި ބޭނުންކުރާ އެމްއޭސީއެލްގެ ސާވިސް ޑިޕާޓްމަންޓުގެ ވެހިކަލްތަކެއް ގަވާއިދާ ހިލާފަށް ބޭނުންކޮށް، ފްލައިޓްތަކަށް އެޅުމަށް ބޭނުންކުރާ ޖެޓް ފިއުލް ރައްކާކޮށްފައި ހުރި ބައުޒަރަކުން 19،000 ލީޓަރުގެ ޖެޓް ފިއުލް ވަގަށް ނަގައި އެއާޕޯޓުން ބޭރުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. އެމީހުން ވަޒީފާއިން ވަކިކުރީ އެ ވައްކަމުގައި އެމީހުން ބައިވެރިވާކަމަށް ފުލުހުންގެ ތަހުގީގުން ހާމަވާކަމަށް އެމްއޭސީއެލްއަށް ފުލުހުން އަންގާފައިވާކަމަށް ބުނެއެވެ.

އެ ތުހުމަތެއް ދޮގުކޮށް، ޒަމީލް އާއި މުހައްމަދު ވަނީ، ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށާއި، ވަޒީފާ އަލުން ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައިފައެވެ.

ޒަމީލް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން މައްސަލަ ނިންމީ އޭނާއާ ދެކޮޅަށެވެ. ނަމަވެސް އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކޮށްދީފައި ނުވާތީ، ބަދަލުގެ ގޮތުގައި 6200 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން އެންގިއެވެ. މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލް އިން މައްސަލަ ނިންމީ އޭނާއާ އެއްކޮޅަށެވެ. ވައްކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލް އިން ނިންމިއެވެ.

އެ ދެމައްސަލަވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ނިމުނީ އެ ދެމީހުންނާއި އެއްކޮޅަށެވެ. އެގޮތުން ވައްކަމުގައި ޒަމީލް ބައިވެރިވިކަމަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ނުކުރެވުން ހިމެނެއެވެ. އަދި މުހައްމަދުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ނިންމީ، މުހައްމަދު ވަޒީފާއިން ވަކިކުރި އިރު ހުރި މަގާމަށް، ނުވަތަ އެއާ އެއް ފެންވަރުގެ މަގާމަކަށް އިޔާދަކުރުމަށް އެންގިއެވެ.

އެމްއޭސީއެލް އިން ވަނީ ދެ މައްސަލައިގައި ވެސް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެހެންނަމަވެސް، އެ ކޯޓުންވެސް ނިންމީ ވައްކަމުގައި އެ ދެމީހުން ވެސް ބައިވެރިވިކަމަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ ޒަމީލް އާއި މުހައްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ، 14 ދުވަހުގެ ތެރޭގައި އެ ދެމީހުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: