މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާއި އެކު މަގާމުން ވަކި ކުރި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން، އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ މަރުހަލާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ 13:30 އަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާ އާއި ފުރައްސާރައާއި ޖިންސީ އެހެނިހެން އަމަލުތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޖެންޑާރ މިނިސްޓްރީއަށާއި، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ބައްދަލުކޮށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ފަރާތުން ކުރިމަތިވީ ފުރައްސާރަތައް ހުށަހަޅުއްވާފައެވެ. އަދި އެ އަޑުތައް އައްސަވާ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އެންގުމުން އޭނާ އެކަމަށް ދެކޮޅު ހެއްދެވީއެވެ. އެ މައްސަލައިގައި އަލީ ވަހީދު މަގާމުން ވަކި ކުރީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެރޭ ޓްވީޓެކޮށް އޭނާ ވިދާޅުވީ ”ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ“ ކަމަށެވެ.
އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވިކަމަށް 12 ކުއްޖަކު މައްސަލަ ހުށަހެޅިކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ކޮވިޑާއި ގުޅިގެން ވެރިރަށް މާލެ ސިޓީ ލޮކްޑައުންކޮށް، މަގުތަކަށް ހުއްދައެއް ނެތި ނިކުތުން މަނާކުރިއިރު މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ މާގިރީ ހޮޓެލްގައި ލޮކްޑައުން ވެގެންނެވެ.
މި މައްސަލައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން، އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައި ވެއެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދުގެ މޯބައިލް ފޯނާއި، ލެޕްޓޮޕް އަދި އެ ނޫންވެސް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ތުހުމަތުތަކެއް ކުރިމަތިވީ ދުވަސްވަރު، ބޭއަދަބީކޮށް ވާހަކަދައްކާ އޭނާގެ އޯޑިއޯއެއް ވެސް ލީކުވިއެވެ. އެ އޯޑިއޯތަކުގައި ކެބިނެޓު މިނިސްޓަރުންނަށް އޭނާ ހުތުރު ބަސްތައް ބޭނުން ކުރައްވާއިރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަނީ ބޭ އަދަބީ، އަދި ހަޑި ހުތުރު ވާހަކަތަކެއް ދައްކަވާފައެވެ. އެ މައްސަލައިގައި އަލީ ވަހީދަށް އެއްވެސް ފިޔަވަޅެއް އޭރު ނާޅައެވެ.

