އެކޮމޮޑޭޝަން ބްލޮކްތަކާއެކު ދެ ސިއްހީ މަރުކަޒެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެކޮމޮޑޭޝަން ބޮލްކަތަކަކާއެކު ސިއްހީ މަރުކަޒު ގާއިމްކުރުމަށް ނިންމާފައިވަނީ ތ ކިނބިދޫ އަދި ކަނޑޫދޫގައެވެ. މި ދެސިއްހީ މަރުކަޒު ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިދެ އެއްބަސްވުމުގައިވެސް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލެވެ.
ތ. ކިނބިދޫ ސިއްހީ މަރުކަޒު އެޅުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ. ޕްރޮޖްކެޓް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 15.371.786.03 (ފަނަރަ މިލިއަން ތިންލައްކަ ހަތްދިހައެއްހާސް ހަތްސަތޭކަ އަށްޑިހަ ހަ ރުފިޔާ ތިން ލާރި) އެވެ.
ތ. ކަނޑޫދޫ ސިއްހީ މަރުކަޒު އެޅުމަށް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ އަހުމަދު އަސްލެމެވެ. ޕްރޮޖްކެޓް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭ ނިންމާ ގޮތަށް (ތޭރަ މިލިއަން ނުވަލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ ވިހި ރުފިޔާ) އަށެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރ އަދީލް ވިދާޅުވީ މިހާރު އެ ދެ ރަށުގައި ވެސް ހުރި އިމާރާތްތަކަކީ ޖާގައިގެ ގޮތުން ދަތި އަދި ވަރަށް ބޮޑަށް ވީރާނާވެ ވެއްޓެން ކައިރިވެފައިވާ އިމާރާތްތަކެއް ކަމަށެވެ. އަދި އަލަށް ގާއިމްކުރެވޭ ސިއްހީ މަރުކަޒާއި އެކު ސްޓާފުން ތިބުމަށް އެކަމޮޑޭޝަން ބްލޮކަތަކެއް އިމާރާތް ކުރުމަށްވެސް ނިންމާފައިވާ ކަމަށާއި އެކަން ކުރުމަށް ނިންމި މައިގަނޑު ސަބަބަކީ ރަށުން ބޭރުން ސިއްހީ މަރުކަޒަށް ގެނެވޭ ޑޮކްޓަރުންނާއި ނަރުހުން ބޭތިއްބުމަށް އެކޮމޮޑޭޝަން ހޯދުމަށް ދަތިތައް ކުރިމަތިވަމުންދާތީ ކަމަށެވެ. އަދި ރަށްރަށުގައި ވެސް އެކޮމޮޑޭޝަންގެ އަގު އުފުލެމުންދާކަން ފާހަގަކުރެވެމުން ދާތީ އެކަމުން ދިމާވާ މައްސަލަތަކަށް ވެސް އެކޮމޮޑޭޝަން ބްލޮކްތަކުން ހައްލުލިބިގެން ދާނެކަމަށް ވިދާޅުވި އެވެ.

