ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވަންޓުން މާދަމައިން ފެށިގެން ސަސްޕެންޑް ވާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުުގެ ހާއްސަ ގާނޫނު 2020 ގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވަންޓުންގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ. އެ ފަރާތްތަކުގެ ސަސްޕެންޝަން ބާތިލުކުރަން ގާނޫނުގައި ހިމެނީ، ކޮވިޑުގެ ހާލަތާއި ގުޅިގެން އިންތިހާބު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.
ގާނޫނުގައި ބުނާ ގޮތުން، އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ނުގެންދާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ސިވިލް ސަރވަންޓުން އަލުން ސަސްޕެންޝަނަށް ދާނީ، ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުންނެވެ.
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރި ޓްވީޓެއްގައި ވިދާޅުވީ، ސަސްޕެންޝަނަށް ދާ މުވައްޒަފުންނަށް ސިވިލް ސަރވިސް ކޮމިޝަނުން އެކަން އަންގަން ޖެހޭނެ ކަމަށެވެ. އަދި ނަން އަނބުރާ ގެންދާ ހިސާބުން ވަޒީފާއަށް އަނބުރާ ރުޖޫއަވެވޭނެ ކަމަށް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ.
އެކަން @cscmaldives އިން އެބޭފުޅަކަށް އަންގަވާނެ.
ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ.
އ.ތ.މ ކޮމިޓީ އަށް މި ޙުކުމެއް ނުހިނގާނެ. @ElectionsMv— Ismail Habeeb (@IsmailHabeeb) January 28, 2021
މިފަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ އޭޕްރިލް މަހުގެ 10 އެވެ. އެހެންނަމަވެސް، ކައުންސިލް އިންތިހާބާ ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި، އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން އިންތިހާބު ބާއްވަން ބައެއް ދަތިވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

