ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ގުޅޭ ޝަކުވާތައް އީސީއަށް ހުށަހެޅުމުގެ ނިޒާމެއް!

މިދިޔަ އިންތިހާބުގައި ވޯޓު ގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން އެއް އަހަރު ދުވަހަށް ފަސް ކުރަން ޖެހުނު، ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފި އެވެ.

އީސީން ވަނީ އަންނަ އޭޕްރިލް މަހުގެ 10 އެއްގައި އިންތިހާބު ބާއްވާނެކަމަށް އިއުލާނުކޮށްފަ އެވެ. އަދި އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލައި، ރެޖިސްޓްރީ ފައިލަނަލައިޒް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.

ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދެމުން މިއަދު ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަމަށެވެ. އަދި އިންތިހާބާއި ގުޅޭ ޝަކުވާއެއް ވާ ނަމަ، އެކަމަށް ކަނޑައަޅާފައިވާ ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް ޝަކުވާ ބަލައިގަންނާނެ ކަމަށް އީސީން ބުންޏެވެ.

އިންތިހާބާއި ގުޅިގެން ކޮމިޝަނުން ހަދާފައިވާ ގަވައިދުތަކައި ހިލާފު އެއްވެސް އަމަލެއް އާއްމުންގެ ފަރުދަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް ލަސްނުކޮށް ހުށަހެޅުމަށް އީސީއިން ވަނީ އެދިފައެވެ. އަދި އިންތިހާބާއި ބެހޭ ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް ވެސް ކޮމިޝަނަށް ހުށަހެޅުމަށް އީސީން ބުނެފައި ވެއެވެ.

ކޮވިޑުގެ ސަބަބުން ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ މެއިލް އެޑްރެސް މެދުވެރިކޮށެވެ.

އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް އީސީއިން ފެށިއިރު، އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ރާއްޖޭގައި ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

ކޮވިޑު-19 ގެ ނުރައްކާ ބޮޑުވެ، އިންތިހާބު ފަސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނެއްގެ ދަށުންނެވެ. މަޖިލީހުން ފާސްކުރި ގާނޫނުގައި ވާ ގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން، އެންމެ ލަސްވެގެން ވެސް އިންތިހާބު ބާއްވަންޖެހޭ ތާރީހަކީ މޭއި މަހުގެ 09 ވަނަ ދުވަހެވެ.

އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި 09 ގެ ފަހުން، އިންތިހާބު ބޭއްވުމުގެެ ބާރު އީސީއަށް ގެއްލިގެންދާނެ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ވަނީ ލަފާދީފަ އެވެ. އަދި އެޗްޕީއޭ ކަނޑައަޅާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އިންތިހާބު ނުބޭއްވެނެ ހާލަތެއް އައިސްފިނަމަ، ސަބަބު ބަޔަންކޮށް މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އީސީން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކަނޑައެޅި ތާރީހަށް އިންތިހާބު ނުބޭއްވޭނެހެން އީސީއަށް ގަބޫލު ކުރެވިއްޖެނަމަ، ގާނޫނުގައި ބަޔާން ކުރާ މުއްދަތުގެ ކުރިން އެކަން މަޖިލީހަށް ސަބަބާއި އެކު ބަޔާން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: