މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން ފެށި އެ މުޒާހަރާ ފުލުހުން ރޫޅާލީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ބުނެ، އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދިނެވެ.
އެޗްޕީއޭ އިން އިއްޔެ ވަނީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާ އެންގުމެއް ނެރެފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިއްޔެ ހަވީރު ވެސް މާލޭގައި މުޒާހަރާއެއް ބާއްވާފައިވެއެވެ. މީގެއިތުރުން އިދިކޮޅުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކޮންމެ ރެޔަކު ވެސް އެއްވުންތައް މާލޭގައި ބާއްވަމުންނެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ރާއްޖެއިން 209 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 101 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.

