ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރެއްގެ ވެރިކަމުގެ ދުވަސްވަރު، އެކި ދާއިރާތަކުގެ ކުރިއެރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގައެވެ. އެގޮތުން ”އުތުރު ތިލަފަޅު“ މަޝްރޫޢަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި ވަރަށް މުހިއްމު މަޝްރޫޢެކެވެ. އެގޮތުން އުތުރު ތިލަފަޅުގައި އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މާލެއަތޮޅު އުތުރު ތިލަފަޅު ހިއްކާ އެތަނަށް ”ސިފަވަރު“ ގެ ނަންދީ އެރަށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއަށް އިތުރުކުރީ 21 މާޗް 2014 ވީ ހުކުރު ދުވަހުއެވެ. އުތުރުފަޅުގައި އޮތް އެރަށަށް ސިފަވަރު އެނަން ހުށަހެޅީ ސިފައިންގެ ސާޖަންޓް މޭޖަރ އަބްދުﷲ ސައީދެވެ. އެ ފުރުސަތު އޭނާއަށް ލިބުނީ ސިވެކްގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ގުޅުއްވާފައިވާ އެ ރަށަށް ކިޔާނެ ނަމެއް ހޯދައިދެއްވުމަށް އެދިވަޑައިގަތުމުންނެވެ. އެ ނަން ހުށަހެޅުއްވީ ސައީދު ނަމަވެސް އެ މަސައްކަތުގައި ވޮރަންޓް އޮފިސަރ 3 ޖަޢުފަރު ޢަބްދުއްރަޙްމާން އާވެސް މަޝްވަރާ ކުރެވުނެއެވެ. ސިފަވަރު“ ނެގީ ދެ ބަހަކުންނެވެ. އެ ދެބަހަކީ ”ސިފައިން“ އާއި ”ހަވަރު“ އެވެ.

އުތުރު ތިލަފަޅު / ސިފަވަރުގެ ތަޢާރަފެއް
އުތުރު ތިލަފަޅުގެ ”ސިފަވަރު “ ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓްގާޑް ޑޮކްޔާޑަކީ، 2016 ވަނަ އަހަރު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބަސްވެވުނު، ”ޑިފެންސް އެކްޝަން ޕްލޭން“ގެ ދަށުން ޤާއިމުކުރާ ބަނދަރެކެވެ. މި ޑޮކްޔާޑް/ބަނދަރު ތަރައްޤީކޮށް، ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުމެއް އެކުލަވައިލައި، މި ވަނީ ސޮއިކޮށްފައެވެ. ކޯސްޓްގާޑަކީ ދިވެހިރާއްޖޭގެ މެރިޓައިމް ޒޯނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކޮށް ކަށަވަރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް ވާއިރު، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މެރިޓައިމް ޑޮކްޔާޑެއް ނެތުމަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދިމާވެފައިވއެންމެ ބޮޑު އެއް އޮޕްރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުމެވެ. ”ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން، މި ފަދަ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްވަރާތައް އެކި ޤައުމުތަކާއެކުވަނީ ކުރެވިފައެވެ.“ އެގޮތުން 2013 ވަނަ އަހަރުން ފެށިގެން އިންޑިއާޔާ އެކު މިފަދަ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްވަރާތައް އެކި މަރުޙަލާތަކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް) ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނި ހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އުތުރު ތިލަފަޅާއި ގުޅިގެން ފެންމަތިވި ބައެއް މައްސަލަތައް
އުތުރު ތިލަފަޅާއި ގުޅިގެން ބައެއް މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތްކުރިއަށް ދިޔައިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްވަނީ ކުރެވިފައެވެ. އެގޮތުން އުތުރު ތިލަފަޅާބެހޭ ބޮޑެތި މައްސަލަތަކެއް އޭސީސީއަށް އަށް ހުށަހަޅައި ތަހުގީގު ކުރަން އޮޑިޓަޖެނަރަލް ހަސަން ޒިޔަތު އެންގެވިއެވެ. 2015 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް ސޮއި ކުރައްވާފައިވާ ސިފައިންގެ ވެލްފެއާ ކުންފުނި ޕްރައިވެޓް ލިމިޓެޑް (ސިވެކް) ގެ ހާއްސަ އޮޑިޓް ރިޕޯޓްގައި އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ސިވެކް އާއެކު ޖޮއިންޓްވެންޗާއެއް ކުންފުންޏެއް ހަދާނެ ފަރާތެއް ކަނޑައަޅާފައި ވަނީ ޕްރޮޕޯސަލް ހުށަހަޅަން އާންމުކޮށް ހުޅުވާލައިގެން ނޫން ކަމާއި އަދި އެނޫންވެސް ގިނަ ކަންކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ޤާއިމްވެ ތިބޭނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ޙަގީގަތާއި ޚިލާފު ވާހަކަތައް ދައްކާފައެވެ.

އެއްބަސްވުމުގެ މުހިންމު ތަފުސީލުތައް
މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާނީ، މި ކަމަށް ޚާއްޞަކޮށްގެން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ގުޅިގެން އެކުލަވާލާފައިވާ ”ޖޮއިންޓް ޕް ރޮޖެކްޓް މެނޭޖްމަންޓް ކޮމިޓީ“ (ޖޭ.ޕީ.އެމް.ސީ)ގެ ބެލުމުގެ ދަށުންނެވެ. އަދި މި މަޝްރޫޢުގެ ދަށުން ޑޮކްޔާޑް/ބަނދަރު ތަރައްޤީކޮށް ނިމުމުން، އެ ތަނާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓާނީ އެކަމަށް ޚާއްޞަކޮށްގެން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ގުޅިގެން އެކުލަވާލާ ”ސަޕޯޓް އެންޑް މެއިންޓެނެންސް ވަރކިންގ ގްރޫޕް“ އަކުންނެވެ. ”މި ޑޮކްޔާޑް / ބަނދަރުގައި ތަރައްޤީކުރާ ޢުމްރާނީ، މާއްދީ، އަދި ޤާއިމުކުރެވޭ އެންމެހައި ވަސީލަތްތަކަކީ، ހަމައެކަނި ދިވެހި ސަރުކާރުގެ މިލްކިއްޔާތެކެވެ.“ ސަރވިސްކުރުމާއި، މެއިންޓެނަންސް އަދި ފަންނީ އެހީތެރިކަމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް/ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15( ފަނަރަ) އަހަރު ދުވަހުގެ މުއްދަތަ އް އެހީތެރި ވެދޭނެއެވެ. އަދި މިމަސައްކަތުގައި ޙަރަކާތްތެރިވާ އިންޑިއާގެ ފަރާތްތައް ރާއްޖެއަށް އައިސް ގޮސް ހެދުމުގަޔާ އަދި ޙަރަކާތްތެރި ވުމުގައި ކޮންމެ ފަހަރަކުވެސް ރާއްޖޭގެ ޤާނޫން ތަކާއި ޤަވާޢިދުތަކުގެ ތެރެއިން ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ލިބިގެން މެނުވީ ޙަރަކާތްތެރިއެއް ނުވެވޭނެއެވެ. މި ފަދަ ސަރވިސް ކޮންޓްރެކްޓްކަކީ އެމް.އެން.ޑީ.އެފް އިންވެސް އަދި، ސަރުކާރުގެ އެހެނިހެން ސިވިލް މަޝްރޫޢުތަކުގައިވެސް ޢަމަލް ކުރާ ފަދައިން ފަންނީ ޤާބިލްކަން އުފެދެންދެން ކުރަމުން އަންނަ ކަމެކެވެ.

އުތުރުތިލަފަޅާއި ގުޅިގެން އެމްއެންޑީއެފްގެ ބަސް
އުތުރުތިލަފަޅުގައި ކޯސްޓްގާޑަށް ބަނދަރެއް ހަދާއިރު އެ މަސައްކަތުގައި އިންޑިއާ މީހުން އުޅޭނެ ކަމަށާއި ނަމަވެސް އެއީ އެ ގައުމުގެ ސިފައިން ނޫން ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފްވަނީ ވިދާޅުވެފައެވެ. ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އުތުރުތިލަފަޅުގައި އަޅަނީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި އެއީ ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރަން ހަދާ ޑޮކްޔާޑެއް ކަމަށެވެ. އެހެންވެ އެތަނުގައި އަސްކަރީ އެއްވެސް ބަޔަކު ނޫޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ބަނދަރު ހަދަން އެއްބަސްވީ އިންޑިއާ ސަރުކާރާއެކުގައި ކަމަށާއި އެހެންވެ އެތަން ހެދުމުގެ މަސައްކަތް ކުރުމަށް އިންޑިއާ މީހުން އުޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މީހުންނަކީ ޓެކްނިކަލް އެހީތެރިކަމާއި އެތަން ހެދުމުގެ މަސައްކަތް ކުރަން އަންނަ ބައެއް ކަމަށާއި އިންޑިއާ ސިފައިންނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
”އެގްރީމަންޓް ކުރެވުނީ އެތަން ތަރައްގީކުރުމަށް އިންޑިޔާ ސަރުކާރާއެކު. އެހެންވެ އެތަން ތަރައްގީ ކުރަމުންދާއިރު އިންޑިއާގެ އެހީތެރިކަން ލިބޭނެ. އިންޑިއާ އިން އައިސް އެތަން ތަރައްގީކުރުމަށްޓަކައި އެތަނުގައި ހެދޭ އިމާރާތްތަކާއި އެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ދާނެ، މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކްޔާޑެއް. މިއީ އެލޯގްސައިޑް ބަނދަރެއް. އެހެންވީމަކާއެއް މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ“ ވައިސް ޗީފް އޮފް ޑިފެންސް ފޯސް

ޔޫ.ޓީ.އެފް. ޓައިމްލައިން:
1. 2013 ވަނަ އަހަރުގެ އެޕްރީލް ގައި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއްގެ ބޭނުން ބޮޑުކަމަށް އަލިއަޅުވާލައްވާ، އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ.
2. 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުނު 5 ވަނަ ޕޮއިންޓް ކޮމިޝަން ބައްދަލުވުމުގައި އުތުރު ތިލަފަޅު ޑޮކްޔާޑްގެ މަޝްވަރާ ވަނީ ހުށަހަޅާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ އޭރުގެ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާއި އަދި އިންޑިޔާގެ ޚާރިޖީ ވަޒީރެވެ.
3. 2016 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ބޭއްވުނު ޖޮއިންޓް ސްޓްފް ޓޯކްސްގައިވެސް މި މަޝްރޫޢުގެ މަޝްވަރާތައް ވަނީ ކުރެވިފައެވެ.
4. 2016 ވަނަ އަހަރުގެ އެޕްރީލް މަހުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ ޢުމްރާނީ ތަރައްޤީގެ ބައިގައި އުތުރު ތިލަފަޅުގެ މެރިޓައިމް ޑޮކްޔާޑް ޤާއިމުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި މަސައްކަތްކުރުމަށް އެއްބަސް ވެވިފައިވެއެވެ.
5. 2016 ވަނަ އަހަރުގެ ޖުލައި މަހު މާލޭގައި ބޭއްވުނު ފުރަތަމަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގައި ވެސް މިކަމުގެ މަޝްވަރާތައް ކުރެވިފައި ވެއެވެ.
6. 2017 ވަނަ އަހަރުގެ މޭ މަހު ނިއުދިއްލީގައި ބޭއްވުނު ދެވަނަ ޕޮއިންޓް ސްޓާފް ޓޯކްގެ ފޮލޯއަޕް ޕޮއިންޓުގައި މި މަޝްރޫޢުގެ ވާހަކަ ހިމެނިފައިވެއެވެ.
7. 2018 ވަނަ އަހަރުގެ ޖޫން މަހު މާލޭގައި ބޭއްވުނު ތިންވަނަ ޕޮއިންޓް ސްޓާފް ޓޯކްގެ ފޮލޯއަޕް ޕޮއިންޓުގައި މި މަޝްރޫޢުގެ ވާހަކަ ހިމެނިފައިވެއެވެ.
8. 2019 ވަނަ އަހަރުގެ ޖޫން މަހު ނިއުދިއްލީގައި ބޭއްވުނު ހަތަރުވަނަ ޖޮއިންޓް ސްޓާފް ޓޯކްގައި މި މަޝްރޫޢުގެ ވާހަކަ ހިމެނިފައިވެއެވެ.
9. 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިއުދިއްލީގައި ބޭއްވުނު ދެވަނަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި މި މަޝްރޫޢު ހިމެނިފައިވެއެވެ.
އުތުރު ތިލަފަޅުގެ ފެށުމަކީ 2013 ވަނަ އަހަރުގެ އެޕްރީލް މަހު، އޭރުގެ ދިފާއީ ވަޒީރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކޯސްޓްގާޑް ޑޮކްޔާޑެއްގެ ބޭނުމަށް އަލިއަޅުވާލައްވައި އެކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކެވެ. އޭގެފަހުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުނު 5 ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި އުތުރު ތިލަފަޅު ޑޮކްޔާޑުގެ މަޝްވަރާތައް ވަނީ ހުށަހަޅާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ދިވެހިރާއްޖޭގެ އޭރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އޭރު އިންޑިޔާގެ ޚާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ.

އޭގެ ފަހުން 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް އަބްދު ﷲ ޔާމީނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ އުމްރާނީ ތަރައްގީގެ ބައިގައި އުތުރު ތިލަފަޅުގެ މެރިޓައިމް ޑޮކްޔާޑު ގާއިމުކުރުމަށް ދެ ގައުމުން އެކުގައި މަސައްކަތްކުރުމަށް އެއްބަސް ވެވުނެވެ.

ކޯސްޓްގާޑް ޑޮކްޔާޑެއްގެ ބޭނުން
ދިވެހިރާއްޖޭގެ 7.99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އެމް.އެން.ޑި.އެފް. ކޯސްޓްގާޑްއަކީ އިސް ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. އެމް.އެން.ޑި.އެފް ކޯސްޓްގާޑްގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ޑޮކްޔާޑެއް ނެތުމަކީ، އެ މުއައްސަސާއަށް ދިމާވެފައިވާ އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ޖޮންޖެހުމެކެވެ. އެމް.އެން.ޑީ.އެފް. ކޯސްޓްގާޑްގެ ބޮޑެތި އުޅަނދުތައް ބަނދަރުޖެހުމަށް ޚާއްޞަކޮށްފައިވާ ވަކި ސަރަޙައްދެއް ނެތުމާ ގުޅިގެން، މި ވަގުތު އެ އުޅަނދުތައް އަޅާފައި އޮންނަނީ (ހާބަރުން ބޭރުގައި) ކަނޑުގެ ސަރަޙައްދުގައެވެ. މިހާރު، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑްގެ އުޅަނދުފަހަރު މަރާމާތުކުރުމާއި، ރީފިޓްކުރުމަށް ގެންދަންޖެހެނީ އިންޑިއާގެ ޑޮކްޔާޑަކަށެވެ.

މެރިޓައިމް ފަޔަރ ފައިޓިންގ، ސަރޗް އެންޑް ރެސްކިއު، އަދި ޑައިވްކޮށްގެން ރެސްކިއު އޮޕްރޭޝަންތައް ހިނގުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކޯސްޓްގާޑުންނެވެ. މީގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކުވުމުގެ ހާދިސާތައް މެނޭޖުކުރުމާއި ޕޯޓުތަކާއި މެރީނާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް ކޯސްޓްގާޑް ޒިންމާތަކެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން ގާނޫނާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި، އިންސާނީ ވަގުފާރިކުރުމުގައި ބައިވެރިވާ ބައިނަލްއަގުވާމީ ކުށުގެ ނެޓްވޯކްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި، ހަތިޔާރުގެ އެތެރެކުރުމާއި ވިޔަފާރިކުރުން ފަދަ އެހެނިހެން ކުށްތައް ހުއްޓުވުމަށް ވެސް ދިވެހިން ބަރޯސާ ކުރަނީ ކޯސްޓް ގާޑަށެވެ.
ތިލަފަޅުގެ އިތުރު ބައެއް ވާހަކަ
އެމްއެންޑީއެފް އިން ހިންގުމަށް ހަމަޖެހިފައިވާ ތިލަފަޅާއި އެނޫންވެސް މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފްއާޒްގެ މަތީފެންވަރުގެ ވަފުދެއް 23 ޖުލައި 2013 ގައިވެސް ރާއްޖެ ވަޑައިގަންނަވައިފައިވެއެވެ. އެފަހަރުގެ ބައްދަލުވުންތަކުގައި މައިިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޯސްޓްގާޑްގެ ބަނދަރެއް ހެދުމަށް އުތުރު ތިލަފަޅު ތަރައްގީކުރުމަށް ހިންގާ މަޝްރޫއު އާއި ބެހޭ ގޮތުންނާއި ޅ. މާފިލާފުށީގައި ގާއިމުކުރާ ކޮމްޕޮސިޓިވް ޓްރޭނިން ސްކޫލާ ބެހޭ ގޮތުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިކްރަމް ސިންގް މަޝްވަރާކުރެވުނެވެ. އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށް ޖެނެރަލް ބިކްރަމްސިންގް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަރިހަށް ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އުތުރު ތިލަފަޅުގައި ގާއިމް ކުރި އެމްއެންޑީއެފްގެ ”ސިފަވަރު ކަލާސީ ބަނދަރު“ އިފްތިތާހު ކުރުމަށާއި ކޯސްޓު ގާޑުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެރަށުގައި 2015 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ރަންވޭއެއް ހަދައި ޖެޓު ޖެއްސޭނެ ގޮތް ހެދުމުގެ އިތުރުން އެތަނުގައި ދެ ރިސޯޓު ގާއިމްކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އުތުރު ތިލަފަޅު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރުގައި ރަންވޭއެއް ހަދައި އެތަނުގައި ޖެޓު ޖެއްސޭނެ ގޮތް ހެދުމާއި އެތަނުގައި ދެ ރިސޯޓު ގާއިމްކުރުން ހިމެނޭއިރު އެތަން ތަރައްގީކޮށް ނިމޭއިރު ސިފައިންނަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.


One Response
އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ރައީސް ޔާމީން ވިދާޅުވެގެން 2016 ވަނަ އަހަރު ޤައުމީ ސަލާމަތަށް ޓަކައި ހުއްޓާލާފައިވާ މަޝްރޫޢެއް. ހައިޑްރޮގްރަފީ އެގްރީމަންޓާއި އުތުރު ތިލަފަޅުގެ އެގްރީމަންޓް މިއީ ޤައުމީ ސަލާމަތަށް ގެއްލުންވާނެތީ ހުއްޓާލި ދެ މަޝްރޫޢު