ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކާއި މެދު ކަންކުރި ގޮތުގެ ތަފްސީލު ހޯދުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯއިންނެވެ. ހަމަޖެހިފައި އޮތީ އެ އެޕާޓްމެންޓުތައް އެ ކުންފުނިތަކުން އެޗްޑީސީއާ ހަވާލު ކުރުމުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ދަށުން އެ އެޕާޓްމެންޓުތައް ދޫކުރާށެވެ.
ނަމަވެސް، ބޭނުންވާ ވަރަށް އެއް ކޮޓަރީގެ ފުލެޓު ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުންވަނީ ބާތިލުކޮށްފަ އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.
ޝިޔާމްގެ މައްސަލައިގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ކަމަށާއި އަދި ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާކަމަށެވެ.
އެއްކޮޓަރީގެ ފްލެޓްތަކާއި ގުޅޭގޮތުން ސަރުކާރުން އެކި ދުވަހު އެކިގޮތަށް ވާހަކަ ދައްކާފައިާކަމަށް ޝިޔާމްގެ މައްސަލައިގައިވެއެވެ.
މީގެ އިތުރުން ޝިޔާމް މައްސަލާގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު 12 ޓަވަރު ފެންނަން ހުރި އިރު އެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު ހުންނާނެ ކަަމަށެވެ. އެ ފްލެޓުތައް ވުޖޫދުގައި ނެތް ކަމަށް ބުނެ، މި ސަރުކާރުގައި އުފެއްދި ފަހި ދިިރިއުޅުން ކޯޕަރޭޝަނުގެ ދަށުން ބޮޑު އަގުގައި އެ ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ދެއްކި ވާހަކަތައް ބިލާހަކަށް ވަމުން އަންނަކަމަށެވެ.

