ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގެ އިސްތިއުނާފާއި މެދު ގޮތެއް ނިންމާފައި ނުވާތާ ހަފްތާއެއް ފާއިތުވެއްޖެއެވެ.
”ސަންގު“ އިން ސުވާލު ކުރުމުން، ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކޯޓަށް މައްސަލަ ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ބަލައިގަތުމާއި މެދު އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ. މި މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ކޯޓަށް ހުށަހެޅީ މި މަހުގެ 14 ގައެވެ.
ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި މެދު، ސީދާ ވަކި މުއްދަތެއް ކަނޑައަޅާފައި ނޯވެއެވެ. ނަމަވެސް، އިސްތިއުނާފު މައްސަަލަ ބަލައިގަތުމަށްފައި އެއާއި މެދު ހަތް ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހެއެވެ.
ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރު، އިސްތިއުނާފު ކުރުމަށް ހުށަހެޅިއިރު އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ. އަދި އޭނާ ހުރި ގައުމެއް ވެސް ސާފެއް ނޫނެވެ. އޭގެ ސަބަބުން މައްސަލަ ކޯޓުން ކުރިޔަށް ގެންދެވިދާނެކަމާއި މެދު ގާނޫނީ ސުވާލު ވަނީ އުފެދިފައެވެ. އެއީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްސަލައެއް، އޭނާގެ ޣައިރު ހާޒިރުގައި ކުރިޔަށް ނުގެންދެވެނެކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާތީ އެވެ.
އަލީ ވަހީދު ފުރުވާލި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަލީ ވަހީދު ރާއްޖޭގައި ނެތަސް ހައިކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި މީގެ ކުރިން ވެސް އިސްތިއުނާފީ މައްސަލަތައް ރައްދުވާ މީހުން ހާޒިރު ނުވެ ހައިކޯޓުގައި އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައިވާނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ގާޒީ ހަސަން ސައީދު ނެރުއްވި އެ އަމުރުގެ މައްސަލަ ޕީޖީއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމުން، ކޮމިޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބޭސްފަރުވާގެ ފުރުސަތަކަށް އެދި އަލީ ވަހީދު ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި ހުށަހެޅުމުން، ޓްރެވެލް ޑޮކިއުމެންޓެގައި ނޫން ގޮތަކަށް އެ ފުރުސަތު ނުދިނުމަށް ހުށަހަޅާފައިވާނެކަމަށް ޕީޖީން ބުނެފައި ވެއެވެ. އަދި އަލީ ވަހީދަކީ މީގެ ކުރިން ވެސް ރާއްޖެ ދޫކޮށް ވަޑައިގެންފައިވާ ބޭފުޅެއްކަމުން، އޭނާ ފިލުމުގެ ފުރުސަތު އޮންނާނެކަން ކޯޓުގައި ފާހަގަކުރި ކަމަށް ޕީޖީން ބުނެއެވެ.

