ފިޔަވަޅުތަކަށް ލުއި ދެވެން އޮތީ ހުރިހާ އެންމެންވެސް ކޮވިޑް-19 ވެކްސިން ޖަހައިގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އުންމީދު ބޮޑީ ވެކްސިން އިން ކަމަށާއި ވެކްސިން ޖެހުމަށް އުމުރުހަމަވާ ބޭފުޅުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ. ނަޒްލާ ވަނީ މިހާރު މާލެ ސަރަހައްދުން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށާއި، އަތޮޅުތެރޭގައި އުމުރުންދުވަސްވީ މީހުންނާއި، 18 އަހަރާއި 50 އަހަރާއި ދެމެެދުގެ ގުރޫޕްތަަކަށްވެސް މަޑުމަޑުން ކޮވިޑް-19 ވެކްސިން ޖެހުމުގެ ހިދުމަތްކުރިއަށްދާ ކަން ފާހަގަކުރައްވާފައެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 123،665 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއެވެ.

