ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަނުކުރައްވައިފިއެވެ.
އޭނާއަކީ ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ކުރިން އެ ޓްރައިބިއުނަލްގައި އިންނެވި ލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު، އިސްތިޢުފާދެއްވުމާ ގުޅިގެން ހުސްވެފައިވި ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމަށެވެ.
ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ މަޤާމެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ލީގަލްގެ މަޤާމު ވެސް އެ ބޭފުޅާ މީގެ ކުރިން ފުރުއްވާފައިވެއެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރީ ރައްޔިތުންގެ މަޖިލީހުގެ 63 މެމްބަރުންގެ ވޯޓުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. އަދި އޭގެ ތެރެއިން މަދުވެގެން 2 މެންބަރުންނަކީ ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ މެންބަރުން ކަމުގައި ވާންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

