މީގެ ތިންދުވަސް ކުރިން މުޅި ސޯޝަލް މީޑިއާގައި ފެނުނު އެންމެ ހިތްގައިމު މަންޒަރަކަށްވީ، އެދުވަހު ދަތުރު ދިޔުމަށް ފުރި ދޯނީގައި ޒުވާނުންތަކެއް ޖަމާޢަތުގައި ނަމާދުކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. އެންމެންގެ ތައުރީފު އެ ފޮޓޯއަށް އޮއްސާލި އިރު ގިނަ ޢިލްމުވެރިންނެއްވެސް ވަނީ އެ ފޮޓޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ނަމަވެސް އެރޭގެ ދަންވަރުގެ ވަގުތެއްގައި ރާއްޖޭގެ އޮންލައިން މީޑިއާއަކުން އެ ދަތުރުގެ ބައިވެރިން ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއެއްކޮށް ހައްޔަރުކުރިކަމަށް ބްރޭކް ކޮށްލިއެވެ. އެއާއެކު އެތައް ސުވާލުތަކެއް އުފެދިގެން ދިޔަ ނަމަވެސް އެ ޚަބަރު ދޮގުކުރީ ދިވެހި ފުލުހުންނެވެ. އަދި އެފަދަ ކަމެއް ހިނގާފައިނުވާކަމަށް ބުނެ ފުލުހުން ކުރި ޓްވީޓާއި ގުޅިގެން އަނެއްކާވެސް އިތުރު ކަމެއް ފެންމަތިވިއެވެ.
ޒުވާނުންތަކެއް ޖޫރިމަނާކޮށްފައިވަނީ އެމީހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާއި ޚިލާފަށް ދަތުރުކޮށްފައިވާތީކަމަށާއި، އަދި ދަތުރު ކުރި ދޯންޏަށް އެރުމަށް ހުއްދަ އޮންނަ ވަރަށްވުރެ އިތުރަށް މީހުން އެރުމުން އެމައްސަލަވެސް ބަލަމުންދާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
އެއާއެކު މީސް މީޑިއާގައި ދެން ފެތުރެން ފެށީ ފުލުހުން އެ ދޯނީގައި ޚަރަކާތްތެރިވި މަންޒަރު ފެންނަ ފޮޓޯތަކެކެވެ. މިއުޅުނީ ހަމަ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފުވެގެން ބާއޭ ހިތަށް އެރިއެވެ. އެސްއޯ ފުލުހުން އެ ދޯނީގައި ޚަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އެކަމާއި ގުޅިގެން އެ ދަތުރުގައި ބައިވެރިވި ގިނަ ޒުވާނުންތަކެއް ވަނީ ފުލުހުން ދައްކަމުންްދާ ވާހަކަތަކަށް ރައްދު ދީ އެކަން ދޮގުކޮށްފައެވެ.
މިކަމާއި ގުޅިގެން، އެ ދަތުރުގައި އިސްކޮށް ޚަރަކާތްތެރިވި ޒުވާނަކު ސަންގަށް އެ ދަތުރުގައި ކަން ހިނގި ގޮތް ކިޔާދިނެވެ. އަދި ވަރަށް ގިނަ ސުވާލުތަކެއް އޭނާ ވަނީ ފުލުހުންނަށް އަމާޒުކޮށްފައެވެ.
އޭނާ ކިޔާދިންގޮތުގައި އެމީހުންގެ ތެރެއިން އެއްބަޔަކު މަސްބާނަން، އަދި އަނެއް ބަޔަކު ރަށު ތެރޭގައި ޚަރަކާތްތެރިވަނިކޮށް، ބާރުގަދަ ގޮވުމުގެ އަޑެއް އިވުނުކަމަށާއި، ދެން ފެނުނީ ފުލުހުންގެ ސަފުތައް ދޯންޏަށާއި ރަށަށް އެރި މަންޒަރުކަމަށެވެ. އެއަށް ފަހު ހިނގާ ދިޔަ ކަންތަކާއި ގުޅޭ ގޮތުން އޭނާ ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
ކޯޓު އަމުރެއް ނުދެއްކި! ތިބީ ރަހީނުކޮށްފަ!
ފުލުހުން ރަށަށް އަރާ އެމީހުން ފާސްކުރަން އުޅުމާއެކު، ކޯޓު އަމުރު ކޮބާތޯ ސުވާލުކުރުމުން ކޯޓު އަމުރެއް ނުދެއްކި ކަމަށާއި، އޭގެ ބަދަލުގައި ކޯޓު އަމުރެއް އަދި ގާނޫނީ އިންޒާރެއް ދިނުމެއް ނެތި އެތައް ބަޔަކު ފަހަތުން ކުލިޕް އަޅުވާ ފޯނުތައް އަތުލާފައިވަނީ ކޮން އުސޫލަކުންތޯ ބުނެ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އަދި ކޯޓު އަމުރެއްނެތި އެގޮތަށް ބޭތިއްބީ ރަހީނުކޮށްފައިކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އަދި ދަތުރުގޮސް ތިބި ބައެއްގެ ތެރެއަށް އެގޮތަށް އަރައިގަނެ، ބަރު ހަތިޔާރު ބޭނުންކުރީ18 އަހަރު ނުފުރޭ ކުޑަ ކުދިންވެސް އެތަނުގައި ތިއްބާކަމަށްވެސް އޭނާ ކިޔާދިނެވެ.
ފުލުހުން ހެދީ ދޮގު! ހިންގީ ޑުރަގު އޮޕަރެޝަނެއް!
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ މުޅިން އޮޅުވާލައިގެންކަމަށާއި، އެ ރަށާއި ދޯނީގައި ފުލުހުން ހިންގީ ޑްރަގު އޮޕަރޭޝަނެއް ކަމަށްވެސް އޭނާ ކިޔާދިނެވެ. އެނާ ބުނީ އެރަށަށް ފުލުުހުން އެއީ ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމެންޓްގެ އޮފިސަރުންގެ އިތުރުން، އައި އޯއިންނާއި، އަދި ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން އަރާ އެ މުޅި ރަށާއި ދޯނި ޗެކް ކުރިކަމަށް އޭނާ ކިޔާ ދިނެވެ. އޭނާ ބުނީ އެޗްޕީއޭގެ ގައިޑްލައިނާއި އެމީހުން ޚިލާފުވިކަމަށް ބުނާއިރުގައި ފަޅު ރަށަކަށް ދަތުރު ދާއިރުގައި އަދި މަސްދަތުރެއް ދާއިރު އެޗްޕީއޭގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި އެމީހުން އަންބަރާއަށް އަރާފައިވާނީ އެރަށަށް އެރުމުގެ ހުއްދަ ހޯދައިގެން ކަމަށެވެ.
ޖޫރިމަނާއެއް ނުކުރޭ! އެންމެންގެ ނަން ނޯޓު ކުރި!
އޭނާ ކިޔާ ދިންގޮތުގައި އެމީހުންގެ ތެރެއިން އެއްވެސް މީހެއް ޖޫރިމަނާ ނުކުރާ ކަމަށާއި، އެންމެންގެ ނަން ނޯޓު ކުރިމަށެވެ. އަދި އެންމެން އެރަށުން ދާން އެންގި އިރު އެ ދޯނީގައި ޖާގަ ހުއްދަ ވަަރަށް މީހުން އެރުމަށްފަހު، ދެން ތިބި މީހުން ރަށު ތެރެއަށް ދޫކޮށްލި އިރުގައި އެމީހުން އެވަރަށް ކާނެ އެއްޗެއް ނެތްކަމަށް ބުނުމުން އެކަމަށްވެސް އެއްްވެސް އިންތިޒާމެއް ހަމަޖައްސާނުދީ، އެމީހުން އެރަށުގައި ބޭތިއްބީ ފުރޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސައި ނުދީކަމަށްވެސް އޭނާ ކިޔާދިނެވެ.
ދަތުރަށް ދޮޅު ލައްކައެއްހާ ރުފިޔާ ޚަރަދުވި! މިއީ ރާވައިގެން ހިންގި ޖަރީމާއެއް!
އޭނާ ބުނީ މިއީ ޒުވާނުންގެ އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން ގާއިމުކޮށް ސްޓްރެސް ފިލުވާލުމަށް ކުރި ދަތުރެއްކަމަށާއި، ފުލުހުން ލައްވާ މި ޖަރީމާ ހިންގުވީ މިކަމުގެ އަޑީގައި ބަޔަކު ތިބެގެން ކަމަށެވެ. އަދި މިއީ ސީދާ ފްރޭމްކުރުމަށް ރާވާ ހިންގި އަމަލެއްކަމަށެވެ.

