ސިވިލް ސާވެންޓުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެއްކި ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކު ހިތްހަމަނުޖެހޭނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާއި ހަމައަށް އަނގައިން ނުބުނެވޭނެ މީހުން ކަމަށް ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައެވެ.
ސައްލެ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ކުރިން ސިވިލް ސާވިސްގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގައި ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް އުފެދުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.
”މަޖިލީހުގައި ވާހަކަ ދެއްކީވެސް އެގޮތުން. ވާހަކައިގެ ތަންތަންކޮޅު ވަކިން ޓްވިސްޓު ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސިވިލް ސާވިސްއެއްގައި ހުންނަން ޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތައް،“ ސައްލެ ވިދާޅުވިއެވެ.
ޓުވީޓުގައި އިތުރަށް ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުންނަށް އޭނާގެ އިހްތިރާމް އެބައޮތެވެ. އަދި މަޖިލިހުގައި ދެއްކެވި މުޅި ވާހަކައިގައި އަމާޒު ކުރެއްވީ ސިވިލް ސާވަންޓުން ގައުމު ބިނާ ކުރުމުގައި އަދާކުރަން ޖެހޭ މުހިންމު ރޯލްގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ އޭނާގެ ވާހަކަތައް އަމާޒު ކުރެއްވީ ސިވިލް ސާވަންޓުންނަށް ކުޑައީމީސް ކުރުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ.
”އެގޮތަށް ހީވި ނަމަ، އަޅުގަނޑު (ސިވިލް ސާވަންޓުންގެ ކިބައިން) މާފަށް އެދެން،“ ސަލީމް ވިދާޅުވިއެވެ.

