ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ޖަރުމަނުވިލާތުގެ ބަޔޮއެންޓެކް އާއި އެމެރިކާއިން ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ވެސް ރާއްޖެ ގެެނެސްފިއެވެ.
ތަކެތި ރާއްޖެ ފޯރުކޮށްދީފައިވަނީ ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީގެ ދަށުންނެވެ. ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ.
މި އިނީޝިއެޓިވް އުފައްދާފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީ.އީ.ޕީ) އައި، ގްލޯބަލް އެލާޔަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސިފް އިން ގުޅިގެންނެވެ.
ރާއްޖެ މިއަދު ގެނެސްފައިވާ ފައިޒާ ވެކްސިންއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިތުބާރު ލިބިފައިވާ ވެކްސިނެކެވެ.

