ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގެ ތަހުގީގަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުޢާމަލާތްތަކާއި ގުޅޭގޮތުން ”ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް“ ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާތީ، އެ މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް އަންގާފައިކަމަށެވެ.
”ތަހުގީގަށް ބޭނުންވި އެންމެހައި މައުލޫމާތުތަކާއި ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވަނީ ދީފައި،“ ރައީސް އޮފީހުގެ ނޫސް ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން އެ ތަހުގީގު ހިނގަމުންދިޔަ އިރު، ވީހާވެސް އިންސާފުވެރިކަމާއިއެކު މައްސަލަ ތަހްގީގުކުރުމަށް ފުރުސަތުދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވުނު ސަރުކާރުގެ އެންމެހާ މުވައްޒަފުން ތަހްގީގު ނިމެންދެން މަސައްކަތުން އެކަހެރި ކުރި ކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ، ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕީޖީ އާއި ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނުއަސާސީން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒަތީ ތައައްސުބެއް ނެތި މިނިވަންކަމާއި އަދުލުވެރިކަމާއެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

