މި މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން މިހާތަނަށް ނަތީޖާ ކަނޑަނާޅާ ހުރި ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
ޤައުމީ ލަފާދޭ ކޮމިޓީއާ އެކު އީސީ އިން ރޭގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ، ތިން ވޯޓު ފޮއްޓެއްގެ ތިންވަނަ ސެކިއުރިޓީ އުރަ ކެނޑުމާ ގުޅޭ ގޮތުންނެވެ. އެއީ ކޭޓީ-3 ގެ މ.މުލައް ދާއިރާ އާއި އެލްޓީ-2ގެ ފ.ނިލަންދޫ ދާއިރާ އާއި ވައިޓީ-21 ގެ މ.މުލި ދާއިރާގެ ވޯޓެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މި ތިން ފޮށި ގުނާނެ ގަޑިއެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް މާދަމާ ރޭ ގުނާނެ ކަމަށެވެ.
”މިހާރު ވާ ގޮތަކީ ވަގުތީ ނަތީޖާ ސާފުކުރަމުން ދިޔަ އިރު އެއްވެެސް ވަރަކަށް ސެކިއުރިޓީ އުރަ 3 ނުކަނޑާ، (ވަގުތީ ނަތީޖާ) ސާފު ނުވާނެ ތިން ފޮށި،“ އީސީ ޝަރީފު ވިދާޅުވިއެވެ.
އީސީ ޝަރީފު ވިދާޅުވީ މި ފޮށިިތަކުގެ ނަތީޖާ ކަނޑައެޅުމުން އަންނަ ހޮނިހިރު ދުވަހު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނެ ކަމަށެވެ.

