ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށާއި އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ނިންމުމަކަށް ވާތީ ނިޒާމު ބަދަލުކުރެވޭނީ ވެސް ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ވެސް ނިންމޭނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
”ރައްޔިތުން ކަނޑައަޅާ ނިޒާމެއް ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން. ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް ދެތިން މީހަކު ހަމަ ތިބެލާފައި ބަދަލެއް ނުކުރެވޭނެ“ އޭނާ ވިދާޅުވިއެވެ.
ނަޝީދު ރައީސަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު އެއްފަރާތް ވެގެން ހުންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އަދި ވިދާޅުވެފައި ވަނީ ގައުމު ހިންގުމުގެ ތެރޭގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބަރުލަމާނީ އަށް ބަދަލުކޮށް މިހާރުގެ މަޖިލީހުން ސަރުކާރު އެކުލަވާލަން ބޭނުންފުޅު ކަމަށެވެ.

