ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރާކަށް ޕީޕީއެމް ވަރުބައްޔެއްނުވާނެ ކަމުގައި ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ގޭބަންދަނަށް ބަދަލު ކުރުމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް ޔާމީން ގެނައުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ޕީޕީއެމް ދެމި އޮންނާނެކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށް ޣައްސާން ވިދާޅުވިއެވެ.
”ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވީތީ ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ޝުކުރު ދަންނަވަން. ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނި ނުހައްގުން. އެމަނިކުުފާނު މިނިވަންކޮށް 2023 ވަނަ އަހަރުގެ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިކަމެއްނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ.“ ޣައްސާން ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. މާފުށީ ޖަލުން މިހާތަނަށް ތިން އޮފިސަރަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 21 މުވައްޒަފަކު ތިބީ ކަރަންޓީނުގައެވެ.

