ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ފުރިހަމަކުރައްވަން ޖެހިވަޑައިގެންނެވި ސާޖަރީތައް ނިމިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފިއެވެ.
ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ސާޖަރީތައް ނިމިފައިވާ ކަމަށާއި އަދި ދެން އޮތީ ރިކަވަރީ ކަމަށެވެ.
ނާޒިމްގެ އިތުރުން ނަޝީދުގެ ބޭބެ އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާޖަރީ މިހާރު ނިމިފައިވާ ކަމަށާއި އިރާދަކުރެއްވީތީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ނަޝީދުގެ އާއިލާ އިން ވަނީ އޭޑީކޭގެ މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފައެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނާއި، އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އިތުރުން ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ.

