ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ލިސްޓުގައި ނަން އޮތް މީހުން މަގާމުތަކުން ވަކި ކުރަން މަޖިލީހުން ފާސްކޮށްފި

އެމްއެމްޕީއާރުސީގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ 241 ކޮމެޓީއާއި ޖުޑީޝަރީ ކޮމެޓީ ގުޅިގެން އުފައްދާފައި އޮތް ސަބް ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނުކަމަށް އެސްޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކިކުރަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދިރާސާ ކުރަމުންދާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން މި ލިސްޓު އާއްމުކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މިއީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންނަތައް އެނގޭހެން، ރަސްމީކޮށް ލިސްޓެއް އާއްމު ކުރި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން އެ ލިސްޓު ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި ދައުލަތުގެ އިސް މަގާމުތަކުގައި މިވަގުތު ތިބި، 119 މީހެއްގެ ނަން އެބައޮތެވެ. މަޖިލީހުގެ ނިންމުމަކީ އެ އެންމެން ވެސް މަގާމުން ވަކި ކުރަން ސަރުކާރަށް ހުށަހެޅުމަށެވެ. އަދި އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކި ކުރެވޭނީ، ކޯޓުން ކުރާ ހުކުމެއް މެދުވެރިކޮށް ނުވަތަ އެ މީހަކު އަމިއްލައިން އިސްތިއުފާ ދިނުމުންކަމަށްވާތީ ކަމާއި ބެހޭ އިދާރާތްތަކަށް އެކަން ހުށަހެޅުމަށް ނިންމާފައި ވެއެވެ.

މީގެ ކުރިން ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަން، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ތަހުގީގު ކުރިޔަށްދާ ވަރަކުން ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭރު މީޑިއާތަކާއި ހަމާ ކުރީ، ލިސްޓުގައި 267 މީހެއްގެ ނަން ހިމެނޭ ކަމަށެވެ. އޭގެ ފަހުން ތަހުގީގުން މަޖިލީހާއި ހިއްސާކޮށް އާއްމު ކުރި ރިޕޯޓުގައި 280 މީހެއްގެ ނަން ހިމަނާފައި ވެއެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެން މަގާމުން ވަކި ކުރމަށް ނިންމި މައިގަނޑު އެއް ސަބަބަކީ، އެއީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރަމުން އަންނަ ބަޔަކަށްވާތީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައްސަލައިގެ މައުލޫމާތު ހޯދައި، އެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީ އެވެ. އެހެން ކަމުން ތަހުގީގު ވީހާވެސް އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމަށް މަޖިލީހުން ނިންމި އެވެ.

މިއީ ކަމާއި ބެހޭ މުވައްސަސާތައް ގުޅިގެން ކުރިޔަށް ގެންދާ ޖޮއިންޓް ތަހުގީގެއްކަމުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް އޭސީސީއަށް ހުށަހެޅުމަށް ފާސްކުރި ރިޕޯޓުގައި ވެއެވެ.

ލިސްޓުގައި ހިމެނޭ ބައެއް މެމްބަރުން މިއަދު ޖަލްސާއަށް ހާޒިރުވެތިބި ނަމަވެސް ވޯޓުގައި ބައިވެރިއެއް ނުވެއެވެ. ލިސްޓުގައި ނަން އޮތް ބޭފުޅުންގެ ތެރެއިން، 241 ކޮމިޓީން އެކުލަވާލި ރިޕޯޓާއި އެ ހުށަހެޅުންތައް ފާސްކުރުމަށް ވޯޓު ދެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: