މޭޔަރު ކަމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވިފަހުން މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތާމެދު މިއަދު އުފާކުރައްވާ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމަށްޓަކައި ފެށި މަސައްކަތުގެ ބޮޑުބައި ނިންމައި މުއިއްޒު ކުރެއްވި ޓްވީޓާކާ ގުޅިގެންނެވެ.
މުއިއްޒުއަަށް ތައުރީފް ކުރައްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ސްޕީޑާއިމެދު ވަރަށް އުފާކުރާ ކަމަށެވެ. އަދި މިހާރު މާލެ ސިޓީ ކައުންސިލް އެއީ ހުރިތަނެއްކަމާއި ހިނގާ ތަނެއްކަން ރައްޔިތުންނަށް ފެންނަން ފަށައިފި ކަމަށާއި އިހުސާސްވާން ފަށައިފި ކަމަށް ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންދިން ވޯޓާއިއެކު ރައްޔިތުންގެ އުންމީދުތަކާއި، އިތުބާރު ޑރ. މުއިއްޒުގެ ކޮނޑުމައްޗަށް ބަރުކޮށްލައިގެން މަގާމާ ހަވާލުވެވަޑައިގަތީ މިމަހުގެ 17ވަނަ ދުވަހުއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި، އެކި ކައުންސިލަރުންނަށް އެކި ޒިންމާތައް ބަހާލާފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލްގެ ޒިންމާތައް ބަހާލާ، މަސައްކަތް ކުރަން ނިންމީ ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނާއި ގާތުން، ރަނގަޅު ފެންވަރެއްގައި، އަވަސް ކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

