ސަރުކާރުން ނިންމާފައިވާގޮތަށް ސްޓެލްކޯއިން ފެނާ ކަރަންޓުގެ ހިދުމަތްދޭ ރަށްރަށަށް ވެސް މި ހިނގާ މެއި މަހުގެ ބިލްތަކުން ޑިސްކައުންޓްދޭން އެކުންފުނިން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނެފައި ވަނީ ސަރުކާރުން ނިންމާފައިވާ ގޮތަށް މިމަހުގެ ކަރަންޓް އަދި ފެންބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި އާންމު ގޭބިސީތަކުގެ ފެން ބިލުން ދައްކަން ޖެހޭނީ 30 އިންސައްތަ ޑިސްކައުންޓް ކެނޑުމަށްފަހު ކަމަށް ސްޓެލްކޯއިންވަނީ ހާމަކޮށްފައެވެ. އަދި ވިޔަފާރި ތަކުގެ ފެނާ ކަރަންޓުން ދޭން ނިންމާފައިވަނީ 20 އިންސައްތަ ޑިސްކައުންޓެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން އެކުންފުނީގެ ބިލިންގ ކައުންޓަރުތައް ވަގުތީގޮތުން ބަންދުކުރެވިފައިވާތީ ބިލްތައް ދެއްކުމުގެ ކަންކަން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ބިލްތަކަށް ފައިސާ ދެއްކެވުމަށް އެކުންފުނީގެ މޮބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓް ބޭނުންކޮށްގެން ބިލްތައް ދެއްކުމަށް އެކުންފުނިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން ހާމަކޮށްފައިވަނީ ބިލްދައްކާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ވެބްސައިޓް މެދުވެރިކޮށް އެއްފަހަރާ އެއްބިލަށްވުރެ ގިނަ ބިލްތައް ދެއްކޭނެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސާފައި ވާނެ ކަމަށެވެ.

