ދުވަހަކުވެސް ނުވަންނަ މިންވަރަށް އެމްއެންޑީއެފް ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލަ އަށް ފަހު، ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަހަކުވެސް ނުވަންނަ މިންވަރަށް ސިޔާސީ ނުފޫޒު ވަދެ އެމްއެންޑީއެފްގެ ކަންކަން ދަނީ ފާލުން ނެއްޓެމުން ކަމަށާއި އެމްއެންޑީއެފް ހަމަޔަކަށް އަޅުވަަން އެންމެ ބޮޑަށް ކުރަންވީ ކަމަކީ ގަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުން ކަމަށެވެ. އަދި ރަައީސް ޔާމީންގެ ވެރިކަމުގައި ފަރުމާ ކުރެވިފައިވާ އަސްކަރީ ކޯޓްގެ ބިލް ފާސްކުރުން ކަމަށް ވިދާޅުވިއެވެ.
އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އިއްޔެ ވަނީ އައްޔަންކޮށްފައެވެ.
މުއިޒަކީ މީގެ ކުރިން ސިފައިންގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި 2013 ވަނަ ވަޒީފާއިން ވަކިކުރި އޮފިސަރެކެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމާއެކު އޭނާ އަށް އަލުން ވަނީ ސިފައިންގޭގެ ވަޒީފާ ދީފަ އެވެ.

