އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައި، ގޭގް ރޭޕް ކުރާނެކަމުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އަންހެން ކުއްޖަކަށް އިންޒާރު ދިން ކަމުގެ ތުހުމަތުކޮށްފައި ވަނީ މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރާޅާ އެޅުންތެރިއެއް ކަމުގައިވާ އިބްރާހިމް ސައިފަށެވެ.
މީގެ ދެ ދުވަސް ކުރިން އަންހެން ކުއްޖާގެ އާއިލާގެ މެމްބަރަކު އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ، ސައިފް އެ ކުއްޖާއަށް ގުޅައި ބިރު ދައްކަމުން ދަނީ އުމުރުން 17 އަހަރުން ފެށިގެން ކަމަށެވެ. އަދި ތަފާތު އެކި ނަމްބަރުތަކުން މެސެޖުކޮށް، ހުއްޓުމެއް ނެތި ރޭޕްގެ އިންޒާރުތައް ދެމުން ގެންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ބައެއް ސްކްރީންޝޮޓުތަކުގައި ސައިފް ވަނީ، އަންހެން ކުއްޖާ މާލެ އައިސްފިނަމަ ރޭޕް ކުރާނެކަމަށް ބުނެފައެވެ. އަދި އޭނާއާއި އެކު އޭނާގެ ރައްޓެހިންނާއި، ކޮއްކޮއެއް ބައިވެރިވާނެކަމަށް ބުނެފައި ވެއެވެ.
އާއިލާގެ ފަރާތުން ވަނީ ސައިފް އެ އަންހެން ކުއްޖާއަށް ގުޅައި، އިންޒާރުދޭ ފޯނު ކޯލް ރިކޯޑިންއެއް ވެސް އާއްމުކޮށްފައެވެ. އެ އޯޑިއޯގައި އޭނާ ވަނީ އަންހެން ކުއްޖާގެ ފޮޓޯތަލެއް ލީކު ކުރާނެކަމުގެ އިންޒާރު ދީފައެވެ.
މީގެ އިތުރުން އަންހެން ކުއްޖާގެ އާއިލާގެ މެމްބަރުންނަށް ވެސް އެ ކުއްޖާގެ ފޮޓޯތައް ފޮނުވައި، އޭނާގެ ނަމުގައި ސޯޝަލް މީޑިއާގެ އެކައުންޓުތައް ހަދައި ތަފާތު އެކި ޕޯސްޓުތައް ކުރަމުން އަންނަކަމަށް ބުނެފައި ވެއެވެ. ކުއްޖާގެ ދައްތަ ކުރި އެ ޕޯސްޓުގައި ބުނީ، ފުރައްސާރައާއި އިންޒާރުތަކުގެ ސަބަބުން ކުއްޖާ ކޮޓަރިން ނުނިކުންނަ ކަމަށެވެ. އަދި މީހާ ނަފްސަނީ ގޮތުން ބަލިކަށިކޮށްފައިވާކަން ފާހަގަ ކުރި އެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ، ފުރައްސާރަ ކުރުން ހުއްޓުވުމަށް އާއިލާގެ ފަރާތުން އެކި ފަހަރު މަތިން، ސައިފްއާއި ވާހަަކަ ދެއްކި ނަމަވެސް އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ އެވެ.
މައްސަލައިގެ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނީ، ޓްވީޓުތަކުގެ ލިންކު ނޫސްވެރިންގެ ގްރޫޕަށް ޕޯސްޓުކޮށް އެކަން ތަހުގީގު ކުރޭތޯ ސުވާލު ކުރިތާ އެއް ދުވަސް ފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 17 އަހަރުގެ އަންހެން ކުއްޖަކަށް ގުޅައި މެސެޖުކޮށް ބިރު ދައްކަމުންދާ މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި ތަހުގީގަށް ފޮރެންސިކް ހެއްކާއި ގަރީނާ ހޯދައި، މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާއިލާއިން ވަނީ މި މައްސަލަ ފުލުހަށް ހުށަހެޅިތާ އެތައް ދުވަގެން ވެގެން ދިޔައިރު ވެސް މައްސަލަ ތަހުގީގު ނުކުރާތީ އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި، އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، ކުއްޖާއަށް ގުޅައި މައްސަލަ އަނބުރާ ގެންދަން ބުނެ އިންޒާރުދޭ އޯޑިއޯއެއް ވެސް އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރިއެވެ.
އަންހެން ކުއްޖާގެ ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ އިންޒާރު ދޭ އޯޑިއޯއެއް ވެސް އާއިލާ އިން ވަނީ އާންމުކޮށްފަ އެވެ. ފޮޓޯ ލީކު ކޮށްލާނެކަމުގެ އިންޒާރުގެ އިތުރުން، މާލެ އަތުވެއްޖެނަމަ ”ކޮއްކޮ އާ ކޮއްކޮ ހިސާބުގަނޑު މީހުން ވެގެން ހޭއަރުވާލާނެ“ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. އަދި އަންހެން ކުއްޖާ ކައިވެންޏެއްކޮށް ދިރިއުޅުމެއް ފަށަން މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބުވިޔަ ނުދޭނެކަމަށް އިންޒާރުގެ މެސެޖުތަކުގައި ވެއެވެ.
ސޯޝަލް މީޑިއާގައި ތުހުމަތުތައް ފެންމަތިވުމާއި އެކު، އެމްބީބީއޭއިން ސައިފް ވަކި ކުރަން އާއްމުން ގޮވާލިއެވެ. އަދި އެ އެސޯސިއޭޝަނުން ބަޔާނެއް އާއްމުކޮށް ބުނެފައި ވަނީ، ތަހުގީގު ނިމެންދެން، އެ އެސޯސިއޭޝަނުނުން އޭނާ ސަސްޕެންޑު ކުރާ ކަމަށެވެ. އަދި މައްސަލަ ކުރިޔަށްދާވަރަކުން، ސައިފްގެ މައްޗަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ވެސް ބުނެފައި ވެއެވެ.

