ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން އިތުރު ދެ ވެކްސިނެއް ކަމަށްވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން އެ ދެ ވެކްސިން ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖެހުމަށް މިއަދު ހުއްދަދީފައިވާއިރު، އެދެ ވެކްސިންވެސް ޖަހައިދޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެކަންޏަށެވެ. މޮޑާނާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓުގައި މިހާތަނަށް 49 ގައުމެއްގައި ކުއްލި ހާލަތުގައި ބޭނުން ކުރަމުން އަންނަ ވެކްސިނެވެ. މީގެ އިތުރުން، ޖެންސެން ވެކްސިނަކީ 42 ގައުމެއްގައި ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ.
އެމްއެފްޑީއޭ އިން ބުނީ މޮޑާނާ އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ހުއްދަ ދިނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށްފަހު، ބަލަންޖެހޭ ޓެކްނިކަލް ކަންތައް ފުރިހަމައަށް ބަލައި ދިރާސާ ކުރުމަށް ފަހު އެމްއެފްޑީއޭ އަށް ލަފާދޭ ފަމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ބޭނުންކުރަނީ، ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒާ އަދި ސިނޮފާމް ވެކްސިންއެވެ.

