ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާންގެ ރައްދު: މިއީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދޭ ހިމާޔަތެއް ނޫން، އޮޅުވާލަން ނޫޅޭ!

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރިހަމަ މުސްލިމަކަށް އަމާޒުކޮށް އޭނާއަކީ “ލާދީނީ މީހެއް” ނުވަތަ “ކާފަރެއްގެ” ގޮތުގައި ސިފަކުރުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް ގާނޫނީ ހިމާޔަތް ދިނުންކަމަށް ބުނެ ބިލާއި ދެކޮޅު މީހުން ވާހަކަ ދައްކަނީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ގާނޫނުލްއުޤޫބާތަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި ސަރުކާރުން ހުށަހަޅައި، ހިސާން ސްޕޮންސާރ ކުރައްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ނަފްރަތު އުފެދޭ ވާހަކަތައް ހުއްޓުމުގެ މަގްސަދުގައި ހުށަހަޅާ އިސްލާހެކެވެ. އޭގެ ކުރިން ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓު ކުރި އެވެ. އަދި މަޖިލީހުގައި އެކަމަށް ބަހުސް ކުރިއިރު، ގިނަ މެމްބަރުން ވަނީ މީހުންނާއި މެދު ނަފްރަތު އުފައްދައި “ލާދީނީ” ޓެގު އެޅުވުން އާއްމުކަމަކަށް ހަދާފައިވާ ކަމަށެވެ.

ހިސާންގެ ބިލުގައި ވަނީ، މީހުންނާއި މެދު ނަފްރަތުގެ ބަސްތައް ބޭނުން ކުރުން ހުއްޓުވުމަކަށް ގެނައުމަށެވެ. އިސްލާހުގައި، އާންމު ތަނެއްގައި ވަކި މީހަކީ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނެ ވާހަކަ ދެއްކުމާއި، އޭނާގެ އިސްލާމީ އަގީދާއާ ގުޅުވައި ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމެއްގެ ގިތުގައި ހުރި މީހަކު، ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެކެެވެ. ހިސާން ވަނީ މީހާ ތާއީދު ކުރާ ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން، ނުވަތަ އޭނާ ފާޅުކުރާ ހިޔާލެއްގެ ސަބަބުން އޭނާއަށް ޖިސްމާނީ އަނިޔާއެއް ދޭން ގޮވާލުމާއި، އަނިޔާއެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުމާއި، އެފަދަ އަމަލެއް ރޭވުން ވެސް ކުށެއްގެ ގޮތުގައި ހަދަން ހުށަހަޅާފަ އެވެ. އިސްލާހުގައި ވާ ގޮތުގައި މިއީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ކުށް ސާބިތުވެއްޖެނަމަ، ދެ އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ވަރުގެ ކުށެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އިޖުރާއަތުތަކުގެ ތެރެއިން ކުށް ކަނޑައެޅުމާއި، އެފަދަ މައްސަލަތައް ބެލުން އެއީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. މީހެއް އެއީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުން ރައްޔިތެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ އެއީ ގާނޫނު އަތްމައްޗަށް ނަގައި، ނިޒާމު ގެއްލި މުޅި މުޖްތަމައުގެ އަމާންކަން ގެއްލިގެންދާނެ ސަބަބެއްގެ ގޮތުގައި ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މި ބިލްގެ އެންމެ ބޮޑު އެއް މަގްސަދަކީ، ސޯޝަލް މީޑިއާ ނުވަތަ ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ބޭނުންކުރާ ބަސްތައް ކުށަކަށް ހެދުން ކަމަށެވެ. ރާއްޖޭގައި މީހުން މެރުން އާއްމުކަމަކަށް ވެފައިވާކަން ފާހަގަކޮށް ހިސާން ވިދާޅުވީ ދީނުގެ ނަމުގައި ނަފްރަތުގެ ބަސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އަނެކާގެ ލޭ ހުއްދަވާނެކަމަށް ބުނެ، މީހުންނަށް ދޭ އަނިޔާތައް އިތުރުވުން އެއީ އިސްލާންދީނާއި ހިލާފުކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ، މިއީ އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހިއްވަރުދީ އެ މީހުންނަށް ގާނޫނީ ހިމާޔަތްދޭ ބިލެއްގެ ގޮތުގައި ބަޔަކު ސިފަ ކުރަމުންދަނީ ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ. ހިސާން ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ ދަށުން އިސްލާމްދީނަށް ފުރައްސާރަ ކުރުން އެއީ މިހާރު ވެސް ގާނޫނީ ކުށެއް ކަމަށެވެ.

“އިސްލާމް ދީނަށް ހަޖޫޖެހުން ހުއްދައެއް ނޫން…. އިސްލާމް ދީނާށް ފުރައްސާރައެއް ވެސް ނުކުރެވޭނެ. އިސްލާމް ދީނަށް ކުޑައިމީސް ބަހެއް ވެސް ނުބުނޭވެ. މި ހަގީގަތް ބަޔަކު މިއޮތީ ގަސްތުގައި އޮޅުވާލާފަ،” ހިސާން

ގާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުމަކީ ކުށެކެވެ. އަދި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެއްގެ ގޮތުގައި ބުނެފައި ވެއެވެ. އެ މާއްދާގެ (ށ) ގެ ދަށުން މިއީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބެއްގެ ގޮތުގައި ވަނީ، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލުގައި ބަންދު ކުރުން ނުވަތަ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. 2014 ވަނަ އަހަރު ފާސްކުރި މި ގާނޫނުގެ ދަށުން ބައެއް މީހުންގެ މައްޗަށް ދައުވާ ވެސް އުފުލާފައިވެ އެވެ.

“ގާނުންއުޤޫބާތުގެ 617 ވަނަ މާއްދާގެ ދަށުން މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އިސްލާމްދީނަށް ފާޑުކިޔައި އިސްލާމްދީނަށް ތައުހީނު ކުރުމަށް ތަގުދީރު ކުރުމަކީ މަނާކަމެއް… އަދި އިސްލާމްދީނަށް ފާޑުކިޔައި އެކި އެކި ލިޔުންތައް ތައްޔާރުކުރުމާއި ބެހުމާއި ވިއްކުމާއި އުފެއްދުމަކީ ކުށެއް ކަމަށް… އެކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހު އަޅުގަނޑު ސްޕޮންސާރ ކުރީ.” ހިސާން

އިސްލާހުގައި ހިމަނާފައިވާ ކަންތަކުން މީހެއްގެ ފުރާނައެއް ގެއްލިއްޖެނަމަ އެއީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށް ލެވޭނެ ކުށެއްގެ ގޮތުގައި ހިސާން ވަނީ ހިމަނާފައެވެ. މިފަދަ އަމަލެއް ހިންގުމަށް މީހަކު ރަހީނުކޮށް، ޖިސްމާނީ އަނިޔާއެއް ދީ، ބިރު ދައްކައި މަރާލާނެކަމުގެ އިންޒާރު ދޭނަމަ އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައި ހަރުކަށި ވިސްނުން ގެންގުޅެ، މީހުން މެރުމަށް ފަސް ނުޖެހޭނެ 1،300 މީހުން ޔަގީންކޮށް މުޖްތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ މީހުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭއިރު، ބޮޑެތި ބާރުތަކާއި އެކު 2019 ވަނަ އަހަރު އިސްލާހު ކުރި ޓަރަރިޒަމްގެ ގާނޫނަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. “މުސްލިމުންނާ ދިމާލަށް ކާފަރަށް ނުގޮވޭގޮތަށް ހަދާ ގާނޫނަކީ އިސްލާމް ދީނަށް ފުރައްސާރަކުރަން ހަދާ ގާނޫނެއް” ބުނާނެ އެއްޗެއް ނެތް. މޮޅަށް އެނގޭނީ ދަންނަ ބޭކަލުންނަށް. އެބޭކަލުން މިއުޅޭ އިސްލާމް ދީނުގައި އެއްމުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ކާފަރަށް ބަޅަށް އޫރަށް ގޮވަން އޮންނަނީ ހުއްދަކުރެވިފަތޯ؟ ނޭނގޭތީ އަހާލީ.

  2. ޚުދު ބިލް ހުުށައެޅި މީހާ ދީނަށް ފުރައްސާރަ ނުކުރޭބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: