އާއްމު ތަންތަނުގައި މުސްލިމަކާއި ދިމާލަށް ކާފަރެކޭ ގޮވާ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހަވަރަށް ދޭ އުސޫލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ( ވައްޑެ) ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން ވައްޑެ ވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން އާއްމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ކުށަކަށް ހެދުން ފަދަ ބޮޑެތި އިސްލާހުތައް ގާނޫނުލްއުގޫބާތަށް ގެންނަ ބިލް މަޖިލީހަށް ފޮނުވުމުގެ ހިތްވަރު ނެތް ނަމަ އެފަދަ ބިލް މަޖިލީހަށް ނުފޮނުވުމަށްވެސް ވައްޑެ ވަނީ ރައީސް ޞާލިހްއަށް ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން އެ ބިލްގެ ރިޕޯޓަށް ބަހުސް ކުރައްވައި ދެއްކެވި ވާހަކަތަކުގައި ވައްޑެ ވަނީ މުސްލިމަކު އާއްމު ތަނެއްގައި ކާފަރު ކުރުން ކުށަކަށް ހަދައި ބިލަށް އާމަޒުވާ ފާޑުކިޔުންތަކުން ބިލް ދިފާއު ކުރަންވެސް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ވައްޑެ ވަނީ މީހުން ކިޔާ ފާޑުކިޔުންތަކުގެ ސަބަބުން މަގުމައްޗަށް ނިކުންނަން ނުކެރޭ ވަރު ވެއްޖެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަފްރަތު އުފެެއްދުމުގެ ބިލުގެ ހަބަރުތައް މީޑިއާއިން ގެނެސްދޭއިރު ”ހިސާނު ބިލް“ ކިޔާތީވެ އެކަމަށްވެސް ފާޑުކިޔަމުން ވައްޑެ ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވެސް ރިޕޯޓްކުރަނީ ”ހިސާނު ބިލް“ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ވައްޑެ ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލު ފޮނުވާފައިވަނީ ”ހިސާނު ހަވަރަށް“ ދޭ އުސޫލުން ކަމަށެވެ.

