ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: ހިލަމެއް ނުވީ ރައްޔިތުންނަކަށް ނޫން!

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް އަހަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައިގެން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮލުމަށް މަސައްކަތް ކުރި މައްސަލައިގައި ހައްޔަރު ކުރި އަދުހަމް އަހުމަދު ރަޝީދު އެމަނިކުފާނަށް ފާރަލައި، ސައިކަލު އެއް ދުވަސް ކުރިން ގ. ކެނެރީގޭ ސަރަހައްދުގައި ޕާކުކުރި ކަމަށް މަޖިލީހުގެ 241 ކޮމިޓީން ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓުން އެނގެން އެބައޮތެވެ.

ޕާލިމަންޓް އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ، ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައި އިން ސައިކަލު ޕާކުކޮށްފަ އިވަނީ މޭއި މަހުގެ 05 ވަނަ ދުވަހުގެ ރޭގެ 08:00 ގައި ކަމަށެވެ. އެއީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ އެއް ރޭ ކުރި އެވެ.

އައިއީޑީ ހަރުކޮށްފައި އިން ސައިކަލު އެއް ރޭ ކުރިން ނީލޯފަރު މަގާއި، މަޖިދީ މަގު އިންވާ ހިސާބުގައި ޕާކު ކުރިއިރު އެރޭ އާއި، އޭގެ ޖެހިގެން އައި ދުވަހުގެ ހެނދުނު ވެސް ރައީސް ނަޝީދު ނިކުންނެވި ވަގުތު ކާރުކޮޅު އޮތީ އެ ސައިކަލާއި ޖެހިގެންކަން ރިޕޯޓުން އެނގެ އެވެ.

އިންކުއަރީއަށް މައުލޫމާތުތައް ދެމުން އެމްއެންޑީއެފްގެ އޯޑަނަންސް ކޮމާންޑާރ ބްރިގޭޑީއާރ ޖެނަރަލް މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ އެމްއެންޑީއެފްގެ އީއޯޑީ ޓީމުގައި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްފައި އިންނަމަ އެ ޑިޓެކްޓު ކުރުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި ނީލޯފަރު ހިނގިން ސްޕީވް ކުރަން ހޭދަވާނީ ދެ ގަޑިއެއްހާއިރުކަމަށެވެ.

މި ވަގުތުތަކުގައި ވެސް ރައީސް ނަޝީދުގެ ގެކޮޅުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުން ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ކަމަށް އިންކުއަރީ ރިޕޯޓުގައިވެ އެވެ.

މި ސައިކަލު ޕާކުކޮށްފައި ހުރީ ވެސް ގަވައިދާއި ހިލާފަށްކަން ފާހަގަކޮށް އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ، ސައިކަލު ހުރީ ރައީސް ނަޝީދު އާއްމުކޮށް ގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވާ ޕޮއިންޓުގައި ކަމަށެވެ. އެހެން ކަމުން، ރައީސް ނަޝީދުގެ މޫވްމެންޓުތައް ކައިރިން ބަލައި، ބަޔަކު ދުވަސްތައް ވަންދެން ފާރަލާފައިވާކަން އޭގެއިން ވެސް އެނގެ އެވެ.

އުސޫލެއްގެ ގޮތުން، އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ”އިލެކްޓްރޯނިކް ކައުންޓާރ ވަސީލަތްތައް“ ބޭނުން ކުރަން ޖެހެއެވެ. އަދި ގޮއްވާލާފައިވާ އައިއީޑީއަކީ ރިމޯޓު ކޮންޓްރޯލްޑް ޑެވައިސްއަކަށް ވީއިރު އެމްއެންޑީއެފްއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޖޭމަރެއް ބޭނުން ކުރިނަމަ ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ފުރުސަތު ކުޑަ ކުރެވުނީސް ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަން އެމްއެންޑީއެފްގެ ފަރާތުން އިންކުއަރީއަށް މައުލޫމާތު ދިން، ސެޕެޝަލިސްޓުންނާއި، ފުލުހުން ވެސް އެ ނުކުތާ ނަންގަވާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރޭވި ރޭގައި އެ ސަރަހަށްދަ މައްސަލައިގައި ހައްޔަރު ކުރި އަދުހަމް ދިޔައީ ގަޑިއެއްހާއިރު ކުރިންނެވެ. އަދުހަމްއަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ސައިކަލުގައި ހަރުކޮށްފައި ހުރި އައިއީޑީ ގޮއްވާލި މީހާ އެވެ. އަތަމާ ޕެލަސްގައި ހުރެ، އޭނާ އެ ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެންނެވެ. އެރޭ ރައީސް ނަޝީދު ކެނެރީގެއިން ނުކުންނަވައި މަޖީދީމަގުގައި އޮތް ކާރުކޮޅާ ހިސާބަށް ވަޑައިގަންނަވަންދެން އަދުހަމް އަތަމާ ޕެލަސް ގޯޅިތެރޭގައި ހުންނަތަން ފެންނަ ވީޑިއޯއެއް ފުލުހުން އާއްމު ކުރި އެވެ. ހުދު ކުލައިގެ ރިމޯޓެއް ޖީބުންނަގައި، އަދުހަމް އެ ގެންގުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

”އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހްމަދު ރަޝީދު އެ ސަރަހައްދަށް ދިޔަ“ ރިޕޯޓް

ރިޕޯޓުގައި ބުނެފައިވަނީ، އަދުހަމް އެކި ދުވަސް މަތީން ރައީސް ނަޝީދަށް ފާރަލައި، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގޭ ހުންނަ ނީލޯފަރު މަގުގައި ވެސް އޭނާ ހަރަކާތްތެރިވި ކަމަށެވެ. އަދި އަދުހަމާއި މައްސަލައިގައި ހައްޔަރު ކުރި އެހެން މީހުން ވެސް ކެނެރީގެ ކައިރިއަށް ގޮސް ހަދާކަމަށް ރިޕޯޓުގައި ބުންޏެވެ.

މި ރިޕޯޓުގައި ވާ ގޮތުން ރައީސް ނަޝީދަށް އެންމެ ކައިރިން މި މީހުން ފާރަލީ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރެވެ. އެގޮތުން އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގައެއް ހުޅުވަން އެމަނިކުފާނު ވަޑައިގެން އުޅުއްވަނިކޮށް ދުރުގައި ތިބެ އެމަނިކުފާނުގެ ފޮޓޯ ނަގައި ހެދިކަމަށް ވެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަމަލާގެ ތިން ދުވަސް ކުރިން މެއި، 03 ވަނަ ދުވަހެވެ. އިލްޔާސްގެ އެކުވެރިއެއްގެ ފަރާތުން ލިބުނު އެ މައުލޫމާތު ރައީސް ނަޝީދާއި އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހިއްސާ ކުރިއެވެ. ރައީސް ނަޝީދުގެ އެދުމުގެ މަތީން އެކަން އިލްޔާސް މާރިޔާއަށް އެނގި ނަމަވެސް އެ މައުލޫމާތު މާރިޔާ އިތުރު އެއްވެސް ފަރާތަކާއި ހިއްސާއެއް ނުކުރެ އެވެ. އެ މައްސަލައިގައި މާރިޔާ އިންކުއަރީއަށް ބުނެފައިވަނީ، އެއީ ”މައުލޫމާތެއް“ ނޫން ކަމަށާއި އެއީ މައުލޫމާތެއް ކަމަށް ބެއްލެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން ކަމަށެވެ.

މާރިޔާ ވިދާޅުވެފައި ވަނީ އެ މައުލޫމާތަށް ފަހު އެމްއެންޑީއެފްގެ ފަރާތްތަކާ ބައްދަލުކުރައްވައި، ސީދާ އެކަން ހިއްސާނުކޮށް ރައީސް ނަޝީދުގެ ސެކިއުރިޓީގެ ކަންކަން ބެއްލެވި ކަމަށާއި ސެކިއުރިޓީ ލެވެލް މަތިކޮށްފައި އޮތުމުން އެ ވާހަކަ ހިއްސާ ނުކުރެއްވީ ކަމަށެވެ.

މި ރިޕޯޓުން އެންމެ ބޮޑަށް ހާމަވި އެއްކަމަކީ، ރައީސް މުހައްމަދު ނަޝީދަށް އެކި ފަހަރު މަތީން ތްރެޓުތައް ލިބެމުން ދިޔައިރު ވެސް، ސެކިއުރިޓީ ހައި ކުރުމަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތް ކަމެވެ. އަދި ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ވަނީ ހާމަވެފަ އެވެ. ރައީސް ނަޝީދަށް އެކި ގޮތްގޮތުން ލިބެމުން ދިޔަ ތްރެޓްތަކާ ގުޅިގެން، ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ސެކިއުރިޓީ އޮފިސަރުންގެ އަދަދު ވެސް އިތުރު ކުރި އެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެމަނިކުފާނުގެ ސެކިއުރިޓީ ލެވަލް ”ސިވިއާރ“ އަށް މަތި ކުރި އެވެ. އެފަދަ ބަދަލެއް ގެނައި އިރުވެސް، ސެކިއުރިޓީގެ އުސޫލަށް ނުވަތަ ދެމުން އައި ގޮތަށް ގެނައި އެއްވެސް ބަދަލެއް ނެތެވެ.

ރައީސް ނަޝީދަށް ބަޔަކު ފާރަލަމުން ދިޔަކަން، މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އެނގުނުއިރު އެމަނިކުފާނު ރަސްމީ ހައިސިއްޔަތުން ވަޑައިގަންނަވާ އިވެންޓުތަކާއި އަދި އެ ނޫންވެސް ތަންތަނަށް ކާރުކޮޅު ގޮސް މަޑު ކުރާ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ޝައްކު ކުރެވޭ އެކްޓިވިޓީއެއް ނުވަތަ އެއްޗެއް އޮތްތޯ ބަލާފައި ނުވެއެވެ. އެ މަސައްކަތް ކުރިޔަށް ގެންދަންޖެހެނީ މެޓަލް ޑިޓެކްޓާރ އެއް ނުވަތަ ޖޭމަރެއް ބޭނުންކޮށްގެންނެވެ. އަދި ސެކިއުރިޓީ ހައިކުރިކަމުގައި ވާނަމަ ފުލުހުންގެ އެހީތެރިކަމާއި އެކު މަގުގެ ޓްރެފިކް ބަލަހައްޓަން ޖެހެއެވެ. ނަމަވެސް ރައީސް ނަޝީދަށް ހަމަލާ ދިންއިރު ވެސް އެފަދަ އެއްވެސް އުސޫލަކަށް އަމަލުކޮށްފައި ނެތްކަން ރިޕޯޓުން އެނގެ އެވެ.

ރިޕޯޓުގައި ބުނި ގޮތުގައި، ތުރެޓު ލެވެލް މަތިކުރާއިރު، ސެކިޔުރިޓީގައި މައިގަނޑު އަށް ކަމެއް ހިމެނޭއިރު، އޭގެ ތެރެއިން މުހިންމު ކަންތައްތަކަކަށް އެމްއެންޑީއެފުން އަމަލުކޮށްފައިނުވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އެއްރޭ ކުރިން ޕާކު ކުރި ސައިކަލު، ހުރީ ގަވައިދާއި ހިލާފަށެވެ. އާއްމުކޮށް މީހުން ނުކުމެ އުޅޭ މަގެއްގެ ކަންމަތީގައި އެގޮތަށް ޕާކުކޮށްފައި ހުރި ސައިކަލެއް ފުލުހުންނަށް ފާހަގަ ނުވުން އެއީ ކަންބޮޑުވުމެކެވެ. އެ މަގުގައި އާދަޔާ ހިލާފު މޫވްމެންޓުތަކެއް ނުވަތަ އާއްމުކޮށް އެ ގޯޅީގެ ތެރެއަށް ވަދެ ނޫޅޭ މީހަކު ކުއްލި ގޮތަކަށް އެހެން އުޅެން ފެށުމުން ވެސް އެކަން ސެކިއުރިޓީންނަށް ފާހަގަވެފައި ނެތެވެ.

ނަޝީދުގެ ތްރެޓް އެސެސްމަންޓެއް، އެސްޕީޖީގެ ކޮމާންޑަރު ކާނަލް ނަސްރުاﷲ އިބްރާހީމް މަޖުދީއަށް އެންމެ ފަހުން ލިބިފައިވަނީ މާޗު މަހުގެ 03 ގަ އެވެ. އޭގައި ސެކިއުރިޓީގެ ރިކަމަންޑޭޝަންތަކެއް ހުރި ނަމަވެސް އެއަށް އަމަލުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: