ރާއްޖޭގައި ހަދުފަހަނެޅި ހަރުކަށި ފިކުރު އޮތަސް، ސަރުކާރުގެ ތެރޭގައި އަޑީ ދައުލަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި އެކު ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ ވިސްނުމުގެ ވާހަކައިގެ އަޑު އޮތީ ގަދަވެފަަ އެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިޔަށް ގެންދިޔަ ޕާލިމަންޓް އިންކުއަރީގައި ސަލާމަތީ ހިދުމަތްތަކުގެ ވަކި ވަކި އޮފިސަރުންނާއި އިސްވެރިން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ނުކުތާއަކީ ހަރުކަށި ފިކުރުގެ މޫތައް ގިނަވެ، އެ ފިކުރު ފެތުރުން ފާޅުކޮށްފައިވާ މިންވަރެވެ.
މީހުން މެރުން ހުއްދަކޮށް، ނުވަތަ ”ލޭ ހުއްދަ“ ކަމަށް ދެކި ވަކިވަކި ފަރުދުންނަށް ފާރަލުމާއި، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ބައެއް މީހުން ދެކޭކަން ރިޕޯޓުގައި އޮފިސަރުންނާއި ހަވާލާދީ ބުނެފައި ވެއެވެ. މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އެތައް އޮފިސަރުންނެއް ފާހަގަކުރިއިރު، އިންކުއަރީއަށް މައުލޫމާތު ދެމުން ނޭޝަނަލް ކައުންޓާރ ޓެރަރިޒަމް (އެންސީޓީ) ގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ވިސްނުން މިހާރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު ”އަނދިރި ދައުލަތެއް“ ހިނގަމުންދާ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެ މިހާލަތުން އަރައިގަތުމަށް މަސައްކަތް ނުކުރެއްވޭނަމަ އެ ދެވެނީ އަފްގާނިސްތާން އޮތް ހާލަތަށް ކަމަށެވެ. ދައުލަތް ކުފުރު ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ދުވަހުން ދުވަހަށް އެ މީހުންގެ ވިސްނުން ހަރުކަށިވެ ”ވަޔަލެންޓް އެކްޓީމިޒަމް“ އަށް ބަދަލުވާކަމަށް އޭނާ ވިދާޅުވި އެވެ. މި މައުލޫމާތުތައް ޒަކަރިއްޔާ ހިއްސާ ކުރެއްވީ، އެންސީޓީގެ ދިރާސާތަކާއި، ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ.
ޓެރަރިޒަމްގެ ގާނޫނު އިތުރަށް ވަރުގަދަކޮށް، ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ކުރެވޭ މަސައްކަތް ފުޅާ ކުރަންޖެހޭކަމަށް ދެކި ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަސައްކަތް ފަށާފައެވެ. 2019 ވަނަ އަހަރު ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭހެން އިސްލާހު ކުރި ޓެރަރިޒަމްގެ ގާނޫނު އަދިވެސް ފުރިހަމައެއް ނޫންކަމަށް ވިދާޅުވީ ވެސް އިމްރާން އެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ”އަދަދު“ އަށް ދެއްވި އިންޓަވިއުއެއްގައި ދާދިފަހުން އިމްރާން ވިދާޅުވީ ރާއްޖޭގައި އަޑީ ދައުލަތެއް ނެތް ކަމަށެވެ. އިމްރާން ރާއްޖެ ސިފަ ކުރީ ކުރިއަރަމުން އަންނަ ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގަ އެވެ. އެހެން ކަމުން ރާއްޖެ އަފްގާނިސްތާނަށް ވާން މިސްރާބު ޖަހާފައިވާކަމަށް ދެކެވޭ ވާހަކަ ގަބޫލެއް ނުކުރާކަމަށް އިމްރާން ވިދާޅުވި އެވެ. އެހެން ނަމަވެސް، ރާއްޖޭގައި ހަރުކަށި ވިސްނުމާއި، އެ ފިކުރު ފަތުން ބަޔަކު މަސައްކަތް ކުރާކަން އިމްރާން ގަބޫލު ކުރައްވަ އެވެ. އަދި އެކަމާއި ދެކޮޅަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ.
2019 އަހަރުގެ ޑޭޓާ ބޭސްތަކުން ރާއްޖޭގައި މީހުން މެރުމަށް ވެސް ފަހެއް ނުޖެހޭނެ ވިސްނުމުގެ 1،500 މީހުން ތިބިކަމަށް ދެއްކިޔަސް އޭގެ މާނައަކީ ރާއްޖެ އަފްގާނިސްތާނަށް ވުން ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން ދެއްކެވި ވާހަކަތާއި ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާއިރު، ރައީސް ނަޝީދު ގެންގުޅުއްވާކަމަށް ބުނާ ފޭކު އެކައުންޓު ”އެލެކްސް އަހުމަދު“ އެއަށް ރައްދު ދިނެވެ. އެ ޓްވީޓުގައި ބުނެފައިވަނީ އިމްރާންގެ ވާހަކައިން އެނގިގެން ދިޔައީ 2019 ގައި ގެނައި އިސްލާހަށް ވެސް އަމަލު ނުކުރާކަން ކަމަށެވެ. އަދި ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ވަކިން ނުބައިތިއްބާކަަށް ސާފުވާކަމަށް ބުންޏެވެ.
އިމްރާނަށް ރައްދު ދެއްވައި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އިމްރާނަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުން ވެސް ”މާ ބޮޑު މައްސަލައެއް“ ނެތްކަމަށް ވިދާޅުވި ބޭފުޅާ ކަމަށެވެ. އަދި އަޑީ ދައުލަތެއް ނެތްކަމަށް ބުނެ ފޮރުވަން މަސައްކަތް ކުރަނީ ކޮންކަމެއް ތޯ އޭނާ ސުވާލު އުފެއްދި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އަނދިރި ދައުލަތެއް އެބައޮތްކަމަށް ވިދާޅުވީ ކައުންޓާރ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ވަޒީރުގެ މަސައްކަތަކީ އަނިދިރި ދައުލަތް ރުއްސައިގެން އޭނާ ނިސްބަތްވާ ޕާޓީ އަދާލަތަށް 10،000 މެމްބަރުން ހަމަކުރުން ކަމަށް ވިދާޅުވި އެވެ.
”އަނދިރި ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ބުނަމުންދާއިރު ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވެންނެތީމައި ޕާޓީއަށް މެމްބަރުން ހަމަކުރަން“ ބޮންޑެ
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ މީހުން ސީރިއާފަދަ، ހަނގުރާމަވެރި ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. ހަމައެއާއި އެކު އާބާދީގެ ބޮޑު އިންސައްތައެއް އެއީ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެ ވިސްނުން ގެންގުޅޭ މީހުންކަން ވެސް ގަބޫލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޖޭގެ އިންތިހާބުތަކުން، އެނގިގެން ދިޔައީ ހަރުކަށި ފިކުރަށް މި ފަސްގަނޑުން ދެވޭނެ އެއްވެސް ޖާގައެއް ނެތްކަމެވެ. އަދި އެފަދަ އިންތިހާބުތަކުން ހަރުކަށި ފިކުރު ގެންގުޅޭ ޕާޓީތަކަށް ކާމިޔާބު ކުރެވިފައި ވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ބަޔަކު އުޅޭކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި އިމްރާން ވެސް އެކަން އިންކާރެއް ނުކުރެއެވެ. އެފަދަ ކަންކަން ޖަލުން ފާހަގަ ކުރެވޭތީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ޖަލުގައި ކުށްވެރީންގެ ގޮތުގައި ނުފޫޒު ގަދަ މީހުން އުޅޭ ފަހަރުތައް އަންނަ ކަމަށެވެ. ނަމަވެސް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ.
ޓެރަރިޒަމްގެ ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް ބޮޑުވަމުން ދާއިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރެއިން ސީރިއަސް ގޮތެއްގައި އެކަމާ މެދު ދެކޭ ތަނެއް އަދިވެސް ނުފެނެ އެވެ. މަޖިލީހަށް އަނެއްކާވެސް ޓަރަރިޒަމްގެ ގާނޫނުގެ އިސްލާހުތައް ހުށަހަޅަން އެވަނީ ތައްޔާރުވެފައެވެ.

