ސްޓެލްކޯގެ ކަސްޓަމަރުން މައްސަލަ ހުށަނޭޅިޔަސް ބިލު ބޮޑުކަމަށް ފާހަގަކުރެވޭނަމަ އަބަދުވެސް އެކަން ބަލާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ކަސްޓަމަރ ސާވިސް އެސިސްޓަންޓް މެނޭޖަރ މުހައްމަދު ވަހީދު ވިދާޅުވީ މިހާރު އާންމުންނަށް ލިބެމުންދާ ބިލުތަކުގެ ޔޫސޭޖް ބަލާފައި ވާނީ ޖޫން މަހުގެ މެދުތެރެއިން ޖުލައި މަހުގެ މެދުތެރެއާ ހަމައަށް ކަމަށެވެ. އަދި އީދު ބަންދުގެ ކުރިއަށް ރީޑިން ނަގާ ނިންމާފައިވާކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ، ރީޑިން ނެގުމަށްފަހު އިމްޕެކްޓް ތަފާތުކަން ފާހަގަކުރެވޭނަމަ އަބަދުވެސް އެކަން ބަލަމުންދާ ކަމަށެވެ. އަދި މިފަދަ ޝަކުވާތައް އާންމުނުވިޔަސް، ރީޑިން ނެގުމަށްފަހު ޔޫސޭޖްގައި ތަފާތުކަން ހުރިކަން ފާހަގަކުރެވޭނަމަ އެކަން އަބަދުވެސް ބަލާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އާންމުކޮށް އެގެއެއްގެ ޔޫސޭޖްއަށްވުރެ 50 އިންސައްތައަށްވުރެ ބޮޑުކަން ނުވަތަ ކުޑަކަން ފާހަގަކުރެވުނުނަމަވެސް، ރީޑިން ނެގުމަށްފަހު އެކަން ބަލަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބިލުތައް ފޮނުވަނީ މިގޮތަށް ބެލުމަށްފަހު މައްސަލައެއް އުޅޭކަން ފާހަގަނުވާނަމަކަމަށް މުހައްމަދު ވިދާޅުވިއެވެ. އަދި ބިލު ފޮނުވުމަށްފަހުވެސް އެއްވެސް މައްސަލައެއް އުޅޭކަމަށް ކަސްޓަމަރުންނަށް ފާހަގަކުރެވި ޝަކުވާ އަންނަނަމަ، އެބިލެއްގެ މައްސަލަ ބަލައިދޭނެކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
މިމަހު އާންމުންނަށް ދޫކުރަމުންދާ ބިލުގެ ޔޫސޭޖާއި އޭގެ ކުރީ މަހުގެ ބިލުގެ ޔޫސޭޖާއި މާބޮޑު ތަފާތެއް ނެތްކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް، ބިލަށްވާ ފައިސާގެ ގޮތުގައި ކުރީ މަހު އާންމުން ދައްކަން ޖެހުނު އަދަދު ދަށް ކަމަށާއި އެކަން އެގޮތަށް ދިމާވީ ސަރުކާރުން ކޮވިޑާއި ގުޅިގެން ސަބްސިޑީ ދިނުމުންކަމަށް ވިދާޅުވިއެވެ.
”ވަރަށް ގިނަ އާންމުންގެ ޝަކުވާއެއް ގޭގައި ނޫޅޭ ދުވަސްތަކަށްވެސް ޔޫސޭޖް ހިނގާފައިވާކަމަށް ނުވަތަ ޔޫސޭޖް ބޮޑުވެފައިވާކަމަށް. މީގައި ދަންނަވާލަން އޮތީ އަޅުގަނޑުމެން ރީޑިން ނަގާ ނިމިއްޖެޔޭ އީދު ބަންދަށް ބަންދުވުމުގެ ކުރިއަށް. ޔޫސޭޖް ބަލާފައި ވާނީ ޖޫން މަހުގެ މެދުތެރެއާ ހަމައަށް. ޗުއްޓީ ބަންދު ލިބުމުގެ ކުރިއަށް އަޅުގަނޑުމެން ރީޑިން ނަގާފައި މިހުރީ.“ މުހައްމަދު ވަހީދު
މުހައްމަދު ވަހީދު ވިދާޅުވީ، ކަރަންޓް ބޭނުން ކުރާ މިންވަރު ނުވަތަ ޔޫސޭޖްއިން ވަކި ފަރަގެއް ނުވަތަ ތަފާތެއް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް ރީޑިން ނެގުމުގައި ސްޓެލްކޯއަށް ހެދިފައިވާ ގޯހެއްގެ ސަބަބުން ބިލު ބޮޑުވާކަމަށް ގަބޫލުކުރެވޭ ހާލަތުގައި ކަސްޓަމަރު އަމިއްލައަށް ޔޫސޭޖް ބެލުމުގެ ފުރުސަތު އޮންނާނެކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ބައެއް ކަންކަން ދިމާވުމުގެ ސަބަބުން ބިލް ޔޫސޭޖް ބޮޑުވުމަށް މަގުފައހިވާކަމަށް މުހައްމަދު ވިދާޅުވިއެވެ. އެގޮތުން. ހޫނުގަދަ ދުވަސްވަރެއް ނަމަ ކަރަންޓު ބޭނުންކުރާ މިންވަރު އާންމުގޮތެއްގައި އިތުރުވެގެންދާ ކަމަށާއި އެހެންކަމުން ބިލު ބޮޑުވުމަށް މަގުފަހިވާކަމަށް ވިދާޅުވިއެވެ.
ބިލު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އިޝާރާތްކުރައްވާ މުހައްމަދު ވަހީދު ވިދާޅުވީ ޔޫސޭޖް ނުވަތަ ކަރަންޓު ބޭނުންކުރާ މިންވަރު އަމިއްލައަށްވެސް ބަލައިލެވޭނެ ކަމަށެވެ. އެހެންނަމަވެސް، ބިލުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެ އެކަން ހުށައެޅުމުން އެކަން ބަލައިދޭނެކަމަށްވެސް ވިދާޅުވިއެވެ.
ކަރަންޓ ބިލު ބޮޑުވެ އެކަމުގެ ޝަކުވާތައް ގިނަވުމާއިއެކު، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއިންވެސް ވަނީ މިމައްސަލަ ބަލަން ފަށާފައެވެ. އެގޮތުން، ރަސްމީކޮށް މިމައްސަލަ އޮތޯރިޓީއަށް އެއްވެސް މީހަކު ހުށަހަޅާފައި ނުވިޔަސް، މި މައްސަލަ އޮތޯރިޓީއިން ބަލަމުންދާކަން ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއިން ހާމަކުރެ އެވެ.

