މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ލ. ގަން، ދުންފިނި އުފާ އަހުމަދު ފާތިހަށް ދައުވާ ކުރެވެން ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސެއިން ޝަމީމް ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކާއި ހެކިތަކަށް ބަލާއިރު މިވަގުތަށް ފާތިހުގެ މައްޗަަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށެވެ.
އެކަމުގެ ތަފްސީލައަށް އެދުމުން ވެސް ޝަމީމް ވިދާޅުވީ، އެއީ މިވަގުތުގެ ނިންމުން ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގަށް، އަދިވެސް ފާތިހުއާއި ސުވާލު ކުރަމުން ގެންދާނެކަމަށް ޝަމީމް ވިދާޅުވި އެވެ. މައްސަލައިގެ އިތުރު މައުލޫމާތު ހިއްސާކުރުމަށް ޝަމީމް ދެކޮޅު ހެއްދެވި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ފާތިހުއަށް ދައުވާ ނުކުރަން އެއްކޮށް ނުނިންމާތީ އެވެ.
”ފާތިހުގެ ފަރާތުންވެސް ހޯދަން ޖެހޭ ބައެއް މައުލޫމާތުތައް އެބަހުރި… އަދި ފާތިހުގެ ބައެއް މައުލޫމާތުތައް އަދި އަޅުގަނޑުމެންނަށް މުޅިން ފައިނަލައިޒް ނުވޭ.. އަޅުގަނޑު މިދެންނެވީ މި ބައިގަ އޭނާގެ މައްޗަށް ދައުވާ ނުކުރާ ވާހަކަ“ ޝަމީމް
އެހެންކަމުން ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ލިބި، ފާތިހުގެ މައްޗަށް ދައުވާ ކުރަންޖެހޭ ވަރުގެ ސަބަބެއް ފެނިއްޖެނަމަ އެ މަރުހަލާއާއި އެކު ކުރިޔަށްދާނެ އެވެ.
ޓެރަރިޒަމްގެ މިފަދަ ތުހުމަތުތަކުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ދައުވާކުރުމާއި މެދު 75 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭއިރު، ފާތިހު ހައްޔަރު ކުރިތާ އެ މުއްދަތު ހަމަނުވާކަމަށް ޝަމީމް ވިދާޅުވި އެވެ.
މިވަގުތަށް ދައުވާ ނުކުރުމަށް ނިންމި ފާތިހުގެ ބަންދުގެ މުއްދަތަށް ކޯޓުން އެންމެ ފަހުން ދީފައިވަނީ 30 ދުވަހެވެ. އެހެން ކަމުން ޝަމީމް ވިދާޅުވި ގޮތުގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ އިދާރާގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ވަޒީފާއިން ވަކިވީ މި އަހަރުގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށްދޭއިރު، ހޯމް މިނިސްޓަރު އިމްރާން ވަނީ ފާތިހުއަށް ކުއްލި ބަދަލެއް އަންނަން ޖެހުނު ސަބަބު ބަލާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ކުރިން ކެބިން ކްރޫއެއްގެ މަސައްކަތް ކުރި ފާތިހުއަށް ބަދަލުތަކެއް އަންނަން ފެށީ، އެ ވަޒީފާގައި އުޅުމުގެ ތެރޭގައިކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެ ވިސްނުން އެންމެ ހަރުކަށި ލެވެލްއަށް ބަދަލުވީ އޭނާ އިންޓެލިޖެންސްގައި މަސައްކަތް ކުރަނިކޮށެވެ.
މޭއި ހައެއްގެ ހަމަލައާއި ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ޕީޖީއަށް ހުށަހެޅި އެވެ. ޕީޖީން ކޯޓަށް ހުށަހަޅާފައިވަނީ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ އިތުރުން ބޮން ގޮއްވާލުމުގައި އެންމެ އިސްކޮށް އުޅުނު އަލީ ހައިޝަމްގެ މައްސަލަ އެވެ.

