ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދެފިކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ރޭ ހެންވޭރު ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. އަދި މި ބައްދަލުވުމުގައި މިސްކިތް ހުޅުވުމަށް ލަސްތަކެއް ވާކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ އެ މިސްކިތް ހުޅުވުމަށް ރައީސްގެ އަރިހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
މީގެ ކުރިންވެސްް ރޯދަމަހުގެ ތެރޭގައި ސަލްމާން މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ހަމަޖެއްސިނަމަވެސް، އެމުއްދަތުގައި ސަލްމާން މިސްކިތް ހުޅުވިފައެއް ނުވެ އެވެ.
އެހެންނަމަވެސް މިއަދާ ހަމަޔަށް މިސްކިތް ނުހުޅުވިގެން އުޅެނީ މިސްކިތް ހުޅުވަން އަންނަ ސައުދީގެ ވަފްދަށް ރާއްޖެ ނާދެވިގެންކަމަށް ރައީސްވެސް ދެންނެވިކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ދޭތެރެއިން ވަފްދު އަންނާނެ ތާރީހެއް ސަރުކާރުން ދިންނަމަވެސް، ފަހުން އެ ވަފްދު އައުން ވަނީ ލަސްކޮށްފަ އެވެ.
މިކަމާއި ގުޅިގެން އިދިކޮޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިސްކިތް ހުޅުވެންވާއިރަށް އެ ތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިނިސްޓްރީން ފަށާއިވާއިރު، ގާތް ގަނޑަކަށް 30 މުވައްޒަފުން، އެ މިސްކިތުގެ އެކި ވަޒީފާތަކަށް ނަގާނެއެވެ. މި މިސްކިތަކީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓަރމެކްސްއިން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްފައިވާ މިސްކިތެކެވެ.

