ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން 93 އިންސައްތަ މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި އެވެ.
މިގޮތުން އޮގަސްޓުގެ 17 ވަނަ ދުވަހާއި ހަމައަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށާއި، ޟިގެ ތެރެއިން 98 އިންސައްތަ މުއައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އަންގަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުއައްޒަފުންނަކީ ރާއްޖެ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނާއި އެންމެ ގާތްކޮށް މަސައްކަތްކުރާ މީހުންނަށް ވާއިރު، އެމީހުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުން ވަނީ ހާއްސަ އަހަންމިއްޔަތުކަމެއް ދީފައެވެ. އަދި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުއައްޒަފުންނަށް އެވެކްސިން ސަރުކާރުން ފޯރުކޮށްދީފައިވެ އެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް ސަރުކާރުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު، ރާއްޖޭގައި ކޮވިޑު ފެތުރުން ވަނީ ކޮންޓްރޯލްވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކޮވިޑުގެ ކޭސްތައް މަދުވުމާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ.
މީގެ ތެރޭގައި ދެޑޯޒް ހަމަކޮށްފައިވާ ރިސޯޓު މުއައްޒަފުންނަށް ކަރަންޓީނުވުމަކާއި ނުލައި ރަށްރަށަށް ދަތުރުކުރަންވެސް ހުއްދަދީފައިވެ އެވެ.

